22 Apr 2012, 23:27
މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ކުރިއަށް ދަނިކޮށް ތ. ގުރައިދޫ ކައުންސިލް އިދާރާގެ ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހެއްގެ ބަންދުގެ މުއްދަތު ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްދީފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމްކުރީ މ. ޓްރެންކްލިޓީ، ހަސަން ސުޖާއު، އޭނާގެ ބަންދުގެ މުއްދަތު ތިން ދުވަހަށް އިތުރު ކުރުމަށް ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު މިއަދު އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގައި ވާގޮތުން ބަންދުގެ މުއްދަތު އިތުރުކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދެއްކުމުގެ ކުރިން ފުލުހުން ހުވާކުރަންޖެހޭނެކަމަށް ބުނެފައިވާކަމަށެވެ. ނަމަވެސް އެ ހުވާ ފުލުހުން ލައްވާ ކުރުވާފައި ނުވާކަމަށް ހިރިލަންދޫ ކޯޓުން ބުނެފައިވާކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އަދި ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލު ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު ހައްޔަރު ކުރެވޭ މީހާގެ މައުލޫމާތު ފޯމް ފިޔަވައި އެހެން ހެއްކެއް ހިރިލަންދޫ ކޯޓަށް ފުލުހުން ހުށަހަޅާފައި ނުވާކަން އެނގޭކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އެހެންކަމުން ހިރިލަންދޫ ކޯޓުން ސުޖާއުގެ ބަންދުގެ މުއްދަތު ތިން ދުވަހަށް އިތުރުކޮށް ނެރުނު އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރަކަށް ވާތީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން އެ އަމުރު ބާތިލް ކުރީކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ސުޖާއުގެ އިތުރުން އެ ދުވަހު ފުލުހުން ހައްޔަރު ކުރި ގ.ޖަވާހިރުމާގޭ، މުހައްމަދު އަފްޝީން އާއި، ހ.ފޭވާ، މުހައްމަދު ސައީދު އަދި، މ. ތަންހާރަ، އިބްރާހިމް ޝަރީފް ގެ ބަންދުގެ މުއްދަތު ވެސް އެ ކޯޓުން ތިން ދުވަހަށް އިތުރުކުރި އެވެ. އެމީހުން ވެސް ވަނީ އެ އަމުރު އިސްތިއުނާފު ކޮށްފައެވެ.