15 Apr 2023, 22:04
މިއަހަރުގެ ފިތުރު އީދު ދުވަހާއި ގުޅުވައިގެން ގދ. ފިޔޯރީގައި މީހުންގެ ގަޔަށް ކުލަ ޖެހުމަކީ މަނާ ކަމެއް ކަމުގައި އެ ރަށު ކައުންސިލުން ކަނޑައަޅައިފިއެވެ.
ފިޔޯރީ ކައުންސިލްގެ 57 ވަނަ އާންމު ޖަލްސާގައި ނިންމާފައި ވަނީ ފިތުރު އީދުގެ ވެސް އެއްވެސް ހަރަކާތަކާ ގުޅުވައިގެން ކުލަ ޖެހުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކީ މާތް ވެގެންވާ އިސްލާމް ދީނާ ދުރު ހިންދޫ ދީނުގެ މީހުން ކުރަމުންދާ ކަމެއް ކަމަށް ކައުންސިލުން ބުނެއެވެ.
ކަން އެހެން އޮތުމުންނާއި، ކުލަ ޖެހުމަކީ ފިޔޯރީގެ ގިނަ ރައްޔިތުންތަކެއް ވަރަށް ބޮޑަށް ނަފުރަތުކުރާ ކަމެއް ކަމަށް ފާހަގަވެފައިވާތީ، އީދު މުނާސަބަތުތަކާ ގުޅިގެން ކުލަ ޖެހުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަކީ މަނާ ކަމެއް ކަމުގައި ފާސްކުރީ ކައުންސިލުގެ އިއްތިފާގުންނެވެ.
"ކައުންސިލްގެ މި ނިންމުމަށް ރަށުގެ ކުދި ބޮޑު އެއްމެން މިދިޔަ އަހަރު ވެސް އެއްބާރުލުންދެއްވި ގޮތަށް މި އަހަރު ވެސް އެއްބާލުންދެއްވުން އެދެން،" ކައުންސިލުން ބުންޏެވެ.
އީދު ކުޅިވަރު ކުޅުމުގައި ހިނގާފައު ހުރި ބައެއް ހަމަ ނުޖެހުމަށް ބަލާއިރު، ފެންކުޅި ކުޅުމާއި ކުލަ ޖެހުމުގެ ތެރޭގައި ހިތްހަމަ ނުޖެހިގެން ޒުވާބު ހިނގުން ފަދަ ކަންކަން ފާހަގަ ކުރެވެއެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.