ވޮޝިންޓަން (15 އެޕްރިލް 2023): އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެންއަށް މަރުޚަބާ ކިޔުމަށާއި އޭނާއާ ބައްދަލުކުރަން ޗައިނާ ދެކޮޅު ހަދާކަމަށް އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ފައިނޭންޝަލް ޓައިމްސް" އިން ބުނެފިއެވެ.

އެ ނޫސް ބުނާ ގޮތުން ބްލިންކެން ޗައިނާއަށް ކުރަން ރާވާފައިވާ ދަތުރުފުޅު ދާދި ފަހުން ކެންސަލްކުރީ ބްލިންކެން އަށް މަރުޚަބާ ކިޔާށާއި އަދި، އޭނާއާ ބައްދަލުކުރަން ބޭނުން ނުވާކަން ޗައިނާގެ ޚާރިޖީ ވުޒާރާއިން އެމެރިކާގެ ޚާރިޖީ ވުޒާރާއަށް އެންގުމާ ގުޅިގެންނެވެ.

"ފައިނޭންޝަލް ޓައިމްސް"ގެ މި ވާހަކަތައް ޗައިނާ ވެސް އަދި، އެމެރިކާ ވެސް ދޮގު ކޮށްފައެއް ނުވެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން މިދިޔަ ފެބްރުއަރީ މަހު ޗައިނާއަށް ކުރަން ރޭވި ދަތުރުފުޅު މަޑުޖައްސާލީ އެ ދުވަސްވަރު ޗައިނާގެ ޖައްވީ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަހައްދަށް ވަނުމުން ޗައިނާ ދެކެ ހިތްހަމަ ނުޖެހިގެންނެވެ.

ޗައިނާ ބުނެފައިވާ ގޮތުން އެއީ މޫސުމާ ބެހޭ މައުލޫމާތު އެއްކުރާ ވަސީލަތްތައް ހަރުކޮށްފައިވާ ޖައްވީ ހަމެކެވެ. އެ ހަން އެމެރިކާގެ ވައިގެ ސަރަހައްދަށްވަނީ ވައިހުރިގޮތުން އޭގެ ކޮންޓްރޯލް ގެއްލިގެންނެވެ. ނަމަވެސް އެމެރިކާ ސިފަކުރިގޮތުގައި އެއީ ޗައިނާގެ ޖާސޫސީ އާލާތްތައް ހަރުކޮށްފައިވާ ޖާސޫސީ ފުއްޕާ ހަމެކެވެ. އެ ތުހުމަތުތަކާ އެކު ފައިޓާޖެޓެއް ބޭނުންކޮށްގެން އެމެރިކާ ސިފައިންވަނީ އެ ފުއްޕާހަން ވައްޓާލައިފައެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުންވަނީ ޗައިނާގެ ފުއްޕާހަމުގެ މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ.

"ފައިނޭންޝަލް ޓައިމްސް" ބުނާ ގޮތުން ބްލިންކެންއަށް މަރުޚަބާ ކިޔުމާއި އޭނާއާ ބައްދަލުކުރަން ޗައިނާ ދެކޮޅުހަދަނީ މި ފުއްޕާހަމުގެ މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި އެމެރިކާގެ "ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން" (އެފްބީއައި) އިން ތަހުގީގު ކުރަމުން ގެންދާތީއެވެ.

ޗައިނާގެ ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަހައްދަށް ވަންވަނުމަކީ އެމެރިކާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމަށް ޗައިނާ ރާވައިގެން ހިންގި އަމަލެއްކަމަށް ސިފަކޮށް "އެފްބީއައި" ގެންދަނީ އެ ކަމާ ބެހޭ ރިޕޯޓެއް ނެރުމަށް ތައްޔާރުވަމުންނެވެ.

ޗައިނާގެ މަސްއޫލުވެރިން ހިތްހަމަނުޖެހިފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގެން ޗައިނާ ކުށްވެރިކޮށް ފުއްޕާހަމުގެ ތަހުގީގީ ރިޕޯޓް އެ ދަތުރުފުޅުގެ ތެރޭގައި ނެރުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީއެވެ.

އެމެރިކާ މި ފަހަކަށް އައިސް ގެންދަނީ ޗައިނާއާ މެދު ވަރަށް ބޮޑަށް ދުޝްމަންކަމުގެ ނަޒަރަކުން ބަލަމުންނެވެ. މި ކަމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގައި އެމެރިކާއަށް ގޮންޖަހާލެވޭ ފަދަ ބޮޑު ބާރެއްގެ ގޮތުގައި ޗައިނާ ދުނިޔޭގެ މަސްރަހުގައި ވާދަކުރަން ފެށުމެވެ.

ޗައިނާވަނީ އެމެރިކާ އެދޭ ގޮތަށް ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ ކުށްވެރިކޮށް ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދެކޮޅު ހަދައިފައެވެ. އަދި، ޗައިނާ ގެންދަނީ ރަޝިއާގެ ތެލާއި ގޭސް އާދަޔާ ޚިލާފަށް ގިނައިން ގަނެ އިގްތިސާދީގޮތުން ރަޝިއާއަށް އެހީތެރިވެ އެ ގައުމާ ގުޅުންތައް ބަދަހި ކުރަމުންނެވެ.

ނަތީޖާއަކީ ރަޝިއާ އިނދަޖައްސާލުމާއި ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ ބަލިކުރުމަށް އެމެރިކާ ރާވާ ރޭވުންތައް ނާކާމިޔާބުވެގެން ދިޔުމެވެ. އަނެއްކޮޅު އެމެރިކާގެ ބާރާއި ނުފޫޒު އޮންނަ މިހާރުގެ ބައިނަލްއަގްވާމީ ނިޒާމު ގިނަ ބާރުތަކެއްގެ ކޮންޓްރޯލް އޮންނަ ނިޒާމަކަށް ބަދަލުކުރުމަށް ރަޝިއާ އާ ގުޅިގެން ޗައިނާ މަސައްކަތް ކުރަމުން ގެންދިޔުމަކީ ވެސް އެމެރިކާގެ ރުޅި ޗައިނާއަށް އަމާޒުވާ ކަމެކެވެ.

އަނެއްކޮޅުން އެމެރިކާގެ އެންމެ ބާރުގަދަ އިގްތިސާދީ ހަތިޔާރުކަމަށްވާ އެމެރިކާ ޑޮލަރާއި އެމެރިކާގެ މާލީ ނިޒާމު "ސްވިފްޓް"ގެ ބާރު ކަނޑުވާލުމަށްޓަކައި ޑޮލަރު ނޫން ފައިސާތައް އިގްތިސާދީ ބޮޑެތި މުއާމަލާތްތަކުގައި ބޭނުންކޮށް "ސްވިފްޓް" ނިޒާމު ބައިޕާސްކުރަން ފަށައިފައެވެ.

މި ކަމުގެ ސަބަބުން އެމެރިކާ ޗައިނާ ދެކެ އިންތިހާއަށް ރުޅި އައިސްފައިވާއިރު އެމެރިކާ ގެންދަނީ ޗައިނާއިން ވަކިވެގަތުމަށް މަސައްކަތްކުރާ ތައިވާނަށް، ވަކިވެގަތުމަށާއި ޗައިނާއަށް ގޮންޖެހުމަށް ހިތްވަރުދީ ހަތިޔާރު ވިއްކައި ތައިވާނުގެ މަސްއޫލުވެރިންނާ ބައްދަލުކުރަމުންނެވެ.