15 Apr 2023, 13:25
ޓޯކިޔޯ (15 އެޕްރިލް 2023): ޖަޕާނުގެ ބޮޑުވަޒީރު ފޫމިއޯ ކިޝީދާ ކޭންޕޭނެއްގައި ތަގުރީރިކުރައްވަން ހުންނަވަނިކޮށް ބޮމެއް ގޮއްވާލައިފިއެވެ.
މި ބޮންގޮއްވާލީ ކިޝީދާގެ ޕާޓީކަމަށްވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ކޭންޕޭން ހަރަކާތެއްގައި ޖަޕާނުގެ ހުޅަނގުގެ ކައުންޓީ އެއްކަމަށްވާ ވަކަޔާމާގެ ސައިކަޒާކީ ބަނދަރު ސަރަހައްދުގައި މިއަދު ހެނދުނު ތަގްރީރެއް ކުރަން ހުންނަވަނިކޮށެވެ. ޖަޕާނުގެ އަމަނާބެހޭ ފަރާތްތަކުން މި ހަމަލާއާމެދު އެއްވެސް އެއްޗެއް ނުބުނެއެވެ.
މުރާސިލުން ލަފާކުރަނީ މިއީ ސީދާ ކިޝީދާ އަވަހާރަކޮށްލަން ދިން ހަމަލާއަކަށް ނުވިނަމަވެސް މިއީ ކިޝީދާއަށް މެސެޖެއް ދިނުމުގެ ގޮތުން އޭނާއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއް ކަމަށެވެ.
ޖަޕާނުގެ "ކިޔުޑޯ" ނޫސްއެޖެންްސީ ބުނާގޮތުން މިހަމަލާއިން ކިޝީދާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ކިޝީދާގެ ހަށިފާރަވެރިންވަނީ އަވަސް ގޮތަކަށް އޭނާ ރައްކާތެރިކަމާއެކު އެސަރަހައްދުން ބޭރަށް ގެންގޮސްފައެވެ.
މިހަމަލާގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވިއެވެ. އަނިޔާވީ ބޮމުގެ ބާރުގަދަ އަޑާއެކު ހާސްވެގެން ސަލާމާތްވާނެގޮތެއް ހޯދުމަށް ގިނަބަޔަކު އެއްފަހަރާ ދުއްވައިގަތުމުން އެއްބަޔަކު ވެއްޓި އަނެއް ބައެއްގެ ފައިދަށުގައި ވުމުންނެވެ. ގޮއްވާލި ބޮމަކީ ދުންބޮމެއް ކަމަށްވެއެވެ. ދުން ބޮމަކީ ބާރުގަދަ އަޑުފައްގަނޑަކާއެކު ބޯ ދުންތަކެއް އަރާ ބޮމެކެވެ. ނަމަވެސް އޭގެ އެތިކޮޅުތައް ބުރައިގެންގޮސް މީހުން މަރުވުމުގެ ފުރުސަތު ކުޑަ ބޮމެކެވެ.

ބޮންގޮއްވާލިކަމަށް ބެލެވޭ މީހާ އަތުލައިގަންނަނީ
މި ހަމަލާދިން މީހާކަމަށް ބެލެވޭ މީހާ އަތުލައިގެންފައިވާއިރު ތަހުގީގުތައްވަނީ ފަށާފައެވެ. އެއީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. މި ހަމަލާއާގުޅިގެން ޖަޕާނުގެ އެން.އެޗް.ކޭ ޓީވީން ހާމަކުރި ވީޑިއޯ ފުޓޭޖްތައް ދައްކާގޮތުން ކިޝީދާގެ ތަގުރީރު އަޑުއަހަން ގިނަބަޔަކު އެއްވެފައި ތިއްބައި ދުރުން ހިނގާފައި އައިމީހަކު ބޮން އެއްލައި އެބޮން ގޮއްވާލަނީއެވެ. އެއާއެކު ގަދަފަދަ އަޑުފައްގަނޑަކާއެކު މީހުންތައް ސިހި ހާސްވެ މީހުންތައް ސަލާމަތްވުމަށް ކޮޅުކޮޅަށް ދުއްވައިގަންނަނީއެވެ.
ދުރުން ހިނގާފައި އައިމީހާ ބޮން އެއްލިތަންވެސް ވީޑިއޯ ފުޓޭޖުން ފެނެއެވެ. އެމީހާ އެއްލަނީ ރިހިކުލައިގެ އެއްޗެކެވެ. އެއީ ދުން ބޮމެވެ.
ޖަޕާނަކީ ސިޔާސީ ހަމަނުޖެހުންތައް ވަރަށް ކުޑަ ގައުމެއް ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލީވެސް ކެމްޕޭން އެއްވުމެއްގައި ތަގްރީރު ކުރައްވަން ހުންނަވަނިކޮށެވެ.