މިއަހަރުގެ ފުރަތަމަ ހަތަރު މަހު ވެސް ރާއްޖެއަށް އެންމެ ގިނައިން އައީ ރަޝިޔާގެ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ބުދަ ދުވަހާ ހަމައަށް ރަޝިޔާއިން 71،989 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އެއީ ރާއްޖޭގެ މުޅި މާކެޓުގެ 12.1 ޕަސެންޓު މީހުންނެވެ.

ދެވަނައަށް އެންމެ ގިނައިން އައިސްފައިވަނީ އިންޑިޔާ އިންނެވެ. އެގޮތުން އިންޑިޔާއިން 62،415 ފަތުރުވެރިއަކު ރާއްޖެއަށް އައިއިރު، ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

އެގޮތުން އިނގިރޭސިވިލާތުން 58،584 ފަތުރުވެރިއަކު ވަނީ ރާއްޖެއަށް އައިސްފައެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 592،605 ފަތުރުވެރިއަކު ރާއްޖެއަށް ވަނީ އައިސްފައެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 20 ޕަސެންޓުގެ އިތުރުވުމެކެވެ. މި ފަތުރުވެރިންގެ ތެރެއިން ގިނަ ފަތުރުވެރިން ރާއްޖޭގައި މަޑުކުރަނީ އެވްރެޖްކޮށް އަށް ދުވަހަށެވެ.

ރާއްޖޭގައި މިއަހަރު މިހާތަނަށް 174 ރިސޯޓެއްގެ ސާޅީސް ދެ ހާހަށް ވުރެ ގިނަ އެނދު އޮޕަރޭޝަނުގައި ދަނީ ބޭނުންކުރަމުންނެވެ.

އެގޮތުން ރިސޯޓުތަކުގައި ބޭނުންކުރާ އެނދުތަކަކީ ރާއްޖޭގެ މުޅި މާކެޓުގެ 68 ޕަސެންޓެވެ. އަދި އެންމެ ބޮޑު އާމްދަނީއެއް ވެސް ދައުލަތަށް ވަންނަނީ ރިސޯޓްތަކުންނެވެ.

ރަޝިޔާ މާކެޓަކީ 2020 ވަނަ އަހަރު ވެސް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި މާކެޓެވެ. އެގޮތުން ކޮވިޑުގެ ސަބަބުން ރާއްޖެ ބަންދުވި އަހަރު އެގައުމުން ރާއްޖެއަށް 61،387 ފަތުރުވެރިން އައެވެ. އެއާއަޅާބަލާއިރު ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު، ރަޝިޔާއިން ރާއްޖެއަށް 83،369 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މުޅި އަހަރުގެ ހަވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

ރަޝިޔާ ފާހަގަވެފައިވަނީ 2016 ވަނަ އަހަރުން ފެށިގެން އަބަދުވެސް 60،000އަށް ވުރެ ގިނަ ފަތުރުވެރިން އަހަރެއްގެ މައްޗަށް ރާއްޖެއަށް އަންނަ ގައުމެއްގެ ގޮތުގައެވެ. އެގޮތުން 2021 ވަނަ އަހަރު އެކަނި ވެސް ރަޝިޔާއިން 220،213 ފަތުރުވެރިން ރާއްޖެ އައެވެ.

ނަމަވެސް މިދިޔަ އަހަރު ޔޫކްރޭން ހަނގުރާމަ ފެށުމާއެކު ރަޝިއާއިން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވިއެވެ. އެގޮތުން އެއް ވަނައިގައި އޮތް ރަޝިއާ މާކެޓް އެ އަހަރު ތެރޭ ތިން ވަނައަށް ވެއްޓުނެވެ. އެއަށްފަހު ރަޝިއާއިން އަލުން އެއް ވަނަ ދަރަޖަ ހޯދީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.