ހިޔާ ފްލެޓުތަކުގެ ވައިގޮޅިއަަކީ އެ ތަނުގެ ކުނި ގޮނޑެވެ. ބެލްކަނީގައި ހުރެ ސިނގިރޭޓު ބޯލުމަށްފަހު އޭގެ ބަޓުކޮޅު ނިއްވައިނުލައި، މަގުމައްޗަށް ވެސް އަދި ދެން ހުރި ތަނަކަށް ވެސް އެއްލައިލަނީއެވެ. އެހެން މީހެއްގެ ބެލްކަންޏަށް އަޅި ކަނޑައިލުމުގައި ވެސް އެއްވެސް މައްސަލައެއް ނެތެވެ.

ނަމަވެސް ނިއްވައިނުލައި އެ އެއްލައިލާ ބަޓުކޮޅު އެހެން މީހެއްގެ ބެލްކަނީ ތެރެއަށް ވެއްޓި، އޭގައިވާ ކުޑަ އަލިފާންކޮޅެއް ބޮޑު ހުޅަކަށް ބަދަލުވެ އެތައް ބައެއްގެ ގެދޮރު އަނދައި ހުލިވާން ނަގާނީ ކުޑަ އިރުކޮޅެކެވެ.

ވައިގޮޅީގެ ތެރެއަށް އެއްލައިލާ ސިނިގިރޭޓު ބަޓުކޮޅުން އެ ތަނުގައި އުޅޭ މީހުން އެ ތަނަށް އަޅައި ކުނިފުނީގައި ރޯވެ އެތައް ހާސް ބަޔަކު ނުރައްކަލަށް ވެއްޓެން ނަގާނީ ފަޅި ސިކުންތެކެވެ.

ކުޑަ އިހުމާލަކުން ހިނގައިފާނެ މިފަދަ ހާދިސާއެއް ނުހިނގައި ދިޔުމަކީ މަދު ފަހަރެއްގައި ނޫނީ ނުލިބޭނެ ނަސީބެކެވެ.

ހިޔާގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާން ނިއްވަން އައި ފަޔާ ރެސްކިއު ވެހިކަލެއް -- ސަން ފޮޓޯ/ ނާއިލް ހަފީޒް

ހިޔާގެ ދެ ހާދިސާ ވެސް ސިނގިރޭޓު ފިލްޓަރާ ގުޅިފައި

ހިޔާ ފްލެޓުތަކުގައި ކައިރިކައިރީގައި އަލިފާނުގެ ހާދިސާތަކެއް ހިނގައިފައިވާއިރު މިއީ ސިނގިރޭޓު ބޮއެފައި ނިއްވައިނުލައި އެއްލައިލި ސިނގިރޭޓު ފިލްޓަރެއްގެ ސަބަބުންނެވެ.

އެންމެ ފުރަތަމަ ހާދިސާ ހިނގީ ހިޔާގެ ފަސްވަަނަ ޓަވަރުގެ 17ވަނަ ފަންގިފިލާގެ ފްލެޓެއްގައެވެ. ރޯވީ ބެލްކަނީގައި ހުރި ކުނިތަކެއްގައެވެ.

އެއާއެކު ދެން އިވުނީ އެ ތަނުގައި ހުންނަ ވައިގޮޅިއަށް ވެސް އެކި ޒާތުގެ ކުނި މީހުން އަޅައިކަމުގެ ޝަކުވާއެވެ. އަދި އެ ކުނިތަކުގައި ރޯވެދާނެކަމުގެ ކަންބޮޑުވުމެވެ.

މި ހާދިސާއަށް ހަތް ދުވަސްފަހުން އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިޔާ ފްލެޓެއްގައި ހިނގައިގެން އާންމުންގެ ސަމާލުކަމަށް އައެވެ.

މިއީ ވެސް އެއްލައިލި ސިނގިރޭޓު ފިލްޓަރަކަކާއެކު ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވެ ހިނގި ހާދިސާއެކެވެ. އެ ވަގުތު އެ އެޕާޓްމަންޓުގައި ދިރިއުޅޭ މީހުން ގޭގައި ނޫޅެއެވެ.

މި ދެ ހާދިސާއާއެކު މާ ބޮޑުވަރު ނުވިނަމަވެސް ދެން ހިނގާ މިފަދަ ހާދިސާއަކާއެކު ގެއްލުމަކާ ކުރިމަތިލާން ނުޖެހި ހިނގައިދާނެ ކަމާމެދު ސުވާލު އުފައްދަންޖެހެއެވެ. މިއީ އެތަނުގައި އުޅޭ އާންމުންގެ ކަންބޮޑުވުމެކެވެ.

"ސަން"އާ ވާހަކަދެއްކި ހުރިހާ އާންމުންގެ ވެސް އެ ބިރު އެބައޮތެވެ.

އަލިފާން ރޯވި ހިޔާގެ އެޗް ހަތެއް ޓަވަރުގެ އެޕާޓްމަންޓުގެ ކުޑަދޮރު ތެޅިފައި -- ސަން ފޮޓޯ/ ނާއިލް ހަފީޒް

"އަޅުގަނޑުމެން މި އުޅެނީ މި ތަނުގައި. ވަރަށް ގިނަ ބަޔަކު އެއް ފްލޯގައި ވެސް އެބަ އުޅެން. މީގެ ކުރިން ވެސް ހިނގައިފައި އެބަހުރި ނުރައްކާތެރި ހާދިސާތައް. ކުޑަ ކަމަކުން ބޮޑު ހާދިސާއެއް ހިނގައި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިއްޖެ ނަމަ ޒިންމާ ނަގާނީ ދެން ކާކު،" ރޯވި އެޕާޓްމަންޓު ހުރި ފްލޯގައި ދިރިއުޅޭ މީހަކު ބުންޏެވެ.

މިފަދަ ހާދިސާއެއް ހިނގައިފާނެތީ ކުރިއާލައި އެ ފަދަ ކަންކަން ނުކުރުމަށް ޖެހިގެން އުޅޭ އެޕާޓްމަންޓުގައި ދިރިއުޅޭ މީހުންނަށް އަންގައިގެން އުޅޭ ބައެއް މީހުން ވެސް އެބައުޅެއެވެ.

"އަޅުގަނޑު ބުނިން މަތީގައި އުޅޭ މީހުން ކައިރީ. ނަމަނަމަ އެކަހަލަ އެންމެ އަޅިކޮޅެއް ވެސް އަޅުގަނޑުމެންގެ ބެލްކަންޏަށް އެޅިއްޖެނަމަ އެ އެޕާޓްމަންޓަށް ވެސް ހަމަ ވަންނާނަމޭ. ހުރިހާ ތަނަކަށް އަންގައި ރަނގަޅަށް ވިސްނައިދޭނަމޭ އިތުރަށް ދެވަނަ ފަހަރަކަށް އެ ކަން ނުކުރާނެ ވަރަށް،" ރޯވި ޓަވަރާ އިންވެގެން ހުރި ޓަވަރުގައި ދިރިއުޅޭ އަންހެނަކު ނުރުހުންވެ ހުރެ ކިޔައިދިނެވެ.

މިއީ މި ތަނުގައި އުޅޭ މީހުންނަށް އޮތް ބިރުވެރިކަމެކެވެ.

އާބަންކޯއިން ރަތުގެ އިންޒާރެއް

މުޅި ހިޔާ ސަރަހައްދަކީ ގާތްގަނޑަކަށް 25،000އަށްވުރެ ގިނަ މީހުންގެ ގެދޮރު ހުރި ސަރަހައްދެެކެވެ. އެންމެ ޓަވަރެއްގައި ވެސް ބޮޑު ރަށެއްގެ އާބާދީ ދިރިއުޅެއެވެ.

މި އެންމެންގެ ފުރާނަ ނުރައްކަލަށް ދޫކޮށްލައިގެން އިދާރާތަކަށް ތިބެވިގެން ނުވާނެއެވެ.

ސިނގިރޭޓު ފިލްޓަރު އެއްލައިލާ މީހުންގެ ސަބަބުން ހިނގާ މިފަދަ ހާދިސާތަކާ ގުޅިގެން ހިޔާ ސަރަހައްދު މެނޭޖުކުރާ އާބަންކޯއިންވަނީ ރަތުގެ އިންޒާރެއް ދީފައެވެ.

އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހް "ސަން"އަށް ވިދާޅުވި ގޮތުގައި އެއީ އެ ކުންފުނިން ބަލައިގަންނާނެ ކަމެއް ނޫނެވެ.

އެފަދަ އަމަލެއް ފާހަގަވާ ހިސާބުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެއެވެ. އަދި އެފަދަ ފަރާތްތަކުގެ ފުލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ.

"ކާކުކަން، ކޮން ފުލެޓަކުން ކަން، ކޮން ބައެއްކަން އެނގޭ ހިސާބުން ނަގަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން، މިއީ ދޫ ދޭނެ ކަމެއް ނޫން، އާބަންކޯއަކުން. ފުލެޓު އަތުލަން ވިޔަސް، ޖޫރިމަނާ ކުރަން ވިޔަސް، އެހެން ގޮތަކަށް ވިޔަސް އެއްބަސްވުމުގެ ދަށުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން. އަޅުގަނޑުމެންނަށް އެންމެ ފަރުދެއް މުހިންމެއް ނުވާނެ، އަޅުގަނޑުމެންނަށް މުހިންމު ވާނީ އެތާ އެތައް ހާސް ރައްޔިތުންނެއް،" އޭނާ ވިދާޅުވިއެވެ.

އަލިފާން ރޯވި ހިޔާގެ އެޗް ހަތެއް ޓަވަރުގެ ޔުނިޓު -- ސަން ފޮޓޯ/ ނާއިލް ހަފީޒް

ހަރު އަޑުން ފަރުދީ ޒިންމާ، ކަންކުރާނެ ބަޔަކު ނެތް

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ބޮނޑިބޮނޑިއަށް މީހުން އެއްވެ ތިއްބެވެ. އެއްބަޔަކު ކަން ހިނގި ގޮތް އޮޅުންފިލުވަނީއެވެ. ދެން ތިބި ބަޔަކު ކަމާ ބެހޭ އިދާރަތަކާމެދު އޮތް ނުރުހުން ފާޅުކުރަނީއެވެ.

ނަމަވެސް މި އެންމެން ވެސް އެއްބަސްވާ އެއް ކަމަކީ އިދާރާތައް ކިތަންމެ ތައްޔާރަށް ތިބި ނަމަވެސް އަދި އަލިފާން ރޯވީމާ ނިއްވަން އައި ނަަމަވެސް އެ ކަން ހިނގުން ހުއްޓުވޭނީ ތަނުގައި ދިރިއުޅޭ މީހާ އޭނާގެ ޒިންމާ އަދާކޮށްގެންކަމަށެވެ. އަދި 'ތަންކޮޅެއް' ހަރުދަނާވެގެން ކަމަށެވެ.

"މީގަ އަހަރުމެން ދޯ ފުރަތަމަ ރަނގަޅުވާން އޮތީ. އެ މީހުން [އިދާރާތައް] ކިތަންމެ ހަރުކަށި ފިޔަވަޅު އެޅިޔަސް ރޯކުރާ މީހާ ރޯކޮށްފައި، ކުނި އަޅައި މީހާ ކުނި އަޅަންޏާ މީގަ ހައްލެއް އެބައޮތް؟ ނެތެންނު. ހަމަ އަހަރުމެން ފުރަތަމަ ވިސްނަންވީ،" އާންމު މީހަކު ވާހަކަދެއްކިއެވެ.

އެހައި ގިނަ ބަޔަކު އެއް ތަނެއްގައި އުޅޭއިރު މައްސަލަތައް މެދުވެރިވާނެއެވެ. ނަމަވެސް އެ މައްސަލަތައް މަދުކޮށް އާންމުންނަށް ކުރިމަތިވާ ތަކުލީފު ކުޑަކުރެވޭނީ ހަމަ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ.

އެކަން އަމިއްލައަށް ގަބޫލުކުރަން ޖެހެއެވެ.

އަލިފާން ނިއްވައިލާނެ ގޮތުގެ ފަޔާ ޑްރިލެއް ނެތް

މިހާ ގިނަ ބަޔަކު އުޅޭ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތުގެ ފަޔާ ޑްރިލެއް މިހާތަނަށް ހިޔާ ސަރަހައްދުގައި އަދި ހިންގައިފައެއް ނުވެއެވެ.

އެމްއެންޑީއެފް ފަޔާ ރެސްކިއުއިން ހިޔާ ޓަވަރެއްގައި އަލިފާން ނިއްވަން މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ ނާއިލް ހަފީޒް

ބޮޑު ހާދިސާއެއް ހިނގައިފިނަމަ ޓަވަރުން މީހުން ހުސްކުރަން ނަގާނެ ވަގުތާއި އަލިފާން ނިއްވަން ހޭދަވާނެ ވަގުތު ދެނެގަތުމަށް އަދި ޑްރިލްއެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މި ކަމާ ގުޅިގެން ރަސްމީ ބަހެއް ހޯދައިލުމަށް އެމްއެންޑީއެފަށް ގުޅައިލުމުން ޖަވާބެއް ނުލިބެއެވެ.

ކޮންމެއަކަސް އާންމު ރައްކާތެރިކަމާއި އެތައް ހާސް ބައެއްގެ ފުރާނައާ ގުޅުންހުރި ކަންކަމަކީ އާދައިގެ ގޮތަކަށް ދޫކޮށްލެވިގެންވާނެ ކަމެއް ނޫނެެވެ. ކުރިމަތިވެދާނެ ނުރައްކަލަކަށް ސަމާލުވާންޖެހެއެވެ.

މިއީ ހަމައެކަނި ހިޔާ ޓަވަރުގައި ހިނގައިފާނެ ކަމަކަށް އެކަނި ނުވެދާނެއެވެ. ތޮއްޖެހިފައިވާ މާލޭގައި ވެސް މިފަދަ ހާދިސާއެއް ހިނގުމުގެ ނުރައްކާ ބޮޑެވެ.

އެ ނުރައްކާ ކުޑަކުރުމަށް އާންމުން މަސައްކަތްކުރަން ޖެހެއެވެ.