22 Apr 2012, 23:11
ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯހާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ގެ މަގާމަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް އަދާ ކުރެވޭ ދެ މަގާމު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.
ސިފައިންގެ 120 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި މިރޭ ރައީސް ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯހާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅުން އައްޔަން ކުރާއިރު، އެއީ ކަނޑައެޅޭ ވަކި މުއްދަތެއްގައި މަގާމު ފުރުއްވާ ދެ ބޭފުޅުން ގޮތުގައި ހަމަޖައްސަވަން ނިންމެވީ ޕްރޮފެޝަނަލް ގޮތެއްގައި ދުނިޔޭގައި ހުރި އެންމެ ރަނގަޅު މިސާލުތަކާއެއްގޮތަށް އެކަންކުރުމަށްޓަކައި ކަމަށެވެ.
އަދި ވިދާޅުވީ އެ ދެ މަގާމަކީ ސިޔާސީ ނުފޫޒުން އެކަހެރިވެފައިވާ މަގާމުތަކަށް ހެދުމަށްޓަކާއި ބަދަލު ގެންނަން ނިންމެވީ ކަމަށާއި އެ ބަދަލު ގެނައުމަށް މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، މުހައްމަދު ނާޒިމް އެމަނިކުފާނަށް ލަފާދެއްވާފައިވާ ކަމަށެވެ.
"... ޕްރޮފެޝަނަލް ގޮތެއްގައި ދުނިޔޭގައި ހުރި އެންމެ ރަނގަޅު މިސާލުތަކާއެއްގޮތަށް އެކަން ކުރުމަށްޓަކައި، އަދި އެމަގާމުތަކަކީ ސިޔާސީ ނުފޫޒުން އެކަހެރިވެފައިވާ މަގާމުތަކަށް ހެދުމަށްޓަކައި، އެ ދެމަގާމުގެ މުއްދަތަކީ ކަނޑައެޅިފައިވާ މުއްދަތަކަށް ހެދުމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ލަފާދެއްވުމާ ގުޅިގެން އެކަން އެގޮތަށް ކުރުމަށް އަޅުގަނޑު ނިންމަން،" ސިފައިންގެ ވެރިޔާ ވިދާޅުވި އެވެ.
މި ދެ މަގާމުގެ މުއްދަތަށް ގެންނަ ބަދަލުގެ ތަފުސީލެއް އަމަނިކުފާ މިރޭ ނުދެއްވަ އެވެ.
ސިފައިންގެ ހިދުމަތުގެ މައްޗަށް ބައްލަވާލައްވާ ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި 1892 ވަނަ އަހަރުން ފެށިގެން ދިވެހި ސިފައިން ޤައުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، އަގު ނުކުރެވޭހާ ބޮޑެތި ގިނަގުނަ ޚިދުމަތްތައް ކަމަށް ވިދާޅުވެ ސިފައިންނަށް ތައުރީފު ކުރެއްވެވި އެވެ.
ވިދާޅުވީ ޤައުމަށް ދިމާވި ޢުދުވާނީ ހަމަލާތަކާއި ނުރައްކާތެރި ކޮންމެ ހާދިސާއެއްގައި ސިފައިން ދައްކައިދިން ހިތްވަރާއި ޢަޒުމް ފާހަގަކުރަންޖެހޭ ކަމަށާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިފައިން ކުރި ހިތްވަރުގަދަ ޖިހާދުތަކުގެ މަތިން ހަނދާން އާކުރަންޖެހޭ ކަމަށެވެ. އަދި ދީނާއި ވަޠަންގެ ޙައްޤުގައި ފުރާނައިން ޤުރުބާންވެފައިވާ މާތް ޝަހީދުންގެ ޒިކުރާ އާ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހި ޤައުމަކީ، މިނިވަން މުސްތަގިއްލު ޤައުމެއް. މިއީ، ބޭރުގެ އިސްތިއުމާރީ ބާރުތަކުންނާއި ޤައުމަށް ޚިޔާނާތްތެރިވި ޣައްދާރުންގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާންޖެހުނު ކޮންމެ ވަގުތަކު، ދީނާއި ޤައުމުދެކެ ލޯބިވާ އެތައް މުވާޠިނުންނެއް ތެދުވެފައިވާ ޤައުމެއް... 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު މި ޤައުމުގެ ހިތްވަރުގަދަ ސިފައިން ކުރި މަތިވެރި ޖިހާދާއި ވެވަޑައިގެންނެވި ޤުރުބާނީއަކީ، ދީނާއި ޤައުމުގެ ދިފާޢުގައި ސިފައިން ކޮށްފައިވާ ހިތްވަރާއި ޢަޒުމުގެ ލާމަސީލު މިސާލެއް،" ރައީސް ވިދާޅުވި އެވެ.
ތިނެއް ނޮވެމްބަރުގެ މައްޗަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެއީ ދިވެހި ސިފައިންގެ ކެރުމާއި، ހިތްވަރާއި ބަދަހިކަން ފެނިގެންދިޔަ ދުވަހެއް ކަމަށާއި އެ ދުވަހު ޝަހީދުވި ދިވެހިންގެ ލެއިން މިފަސްގަނޑު ތެމެމުންދިޔަ އަސަރުގަދަ ވަގުތު ހަވާލު ކުރި އެންމެ ބޮޑު އަމާނާތަކީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ރާއްޖޭގެ މިނިވަންކަން ކަމަށެވެ.
ސިފައިންގެ އާ އަހަރުގެ ޝިއާރު، "ސަފުތަކުގެ ބަދަހިކަން – ޤައުމުގެ ސަލާމަތްތެރިކަން" ކަމުގެ މައްޗަށް އަލި އަޅުވާލައްވާ ރައީސް ވިދާޅުވީ އެއީ މިއަދުގެ ޙާލަތާ ވަރަށް ގުޅޭ މުހިންމު ޝިޢާރެއް ކަމަށާއި ރާއްޖެއަށް މިއަދު ބޭނުންވެފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދަމަހައްޓައި، ޖީލުތަކަށް އެ އަމާނާތް ފޯރުވައިދެވޭނީ، ސިފައިންގެ މެދުގައި ނުގުޑާފަދަ ބަދަހި ގުޅުމެއް އޮވެގެން ކަމަށެވެ.
"... ސިފައިންގެ ސަފުތަކުގެ މެދުގައި އޮންނަ ބަދަހިކަން ވާންޖެހޭނީ، ގުޅިލާމެހިފައިވާ ގުޅުމަކަށް. ކޮމާންޑަރުންނާއި ދަށުން މަސައްކަތްކުރާ ސިފައިންނާ ދެމެދު އަބަދުވެސް ބަދަހި ގުޅުމެއް އޮންނަންޖެހޭ... ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަންޖެހޭނީ ޓީމެއްގެ ގޮތުގައި. ދަތުރުކުރަންޖެހޭނީ އެއް މަންޒިލަކަށް، އެއް އަމާޒަކަށް، އެއް މަގުޞަދެއްގައި. ދިވެހި ސިފައިން އަބަދުވެސް ތިއްބަވަން ޖެހޭނީ އެއްވިސްނުމެއްގައި އެއް ފިކުރެއްގައި. ނޮވެމްބަރު ތިނެއްގެ ގެ ޢުދުވާނީ ޙަމަލާގައި ދިވެހިންނަށް ﷲގެ ވާގިފުޅާއެކު ނަޞްރު ލިބުނީ މިދެންނެވި ބަދަހިކަން ދިވެހި ސިފައިންގެ ތެރޭގައި އޮތީމަ. މިދެންނެވި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އޮތީމަ،" ރައީސް ވިދާޅުވި އެވެ.
ސިފައިންނަކީ އަބަދުވެސް ސާބިތުކަންމަތީ ދެމިތިބި ބައެއް ކަމަށާއި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ނަގާލައި، ސިފައިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ރޫޙާއި ޖޯޝް ނަގާލުމަށް ކުރެވޭ އެއްވެސް ކަމެއް އެއްވެސް ބަޔަކަށް ކާމިޔާބު ކުރެވިފައި ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ޢަޒުމާއި ސާބިތުކަމަކީ، އެއަށްވުރެ މާވަރުގަދަ ކަންތައްތަކެއްކަންވަނީ ތާރީޚުގެ ޞަފުޙާތަކުން ފެނިގެން ގޮސްފައިވާ ކަމަށެވެ.
"ސިފައިންގެ ޢަޒުމަކަށް ވާންޖެހޭނީ ސިފައިންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން. ދީނީ އަދި ޤައުމީ ވާޖިބަކީ އެންމެއިސް ވާޖިބުކަމުގައި ދެކިގެން މި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ތިޔަ ބޭކަލުން ތިއްބަވަންޖެހޭނީ އަބަދުވެސް ތައްޔާރަށް. ރައްޔިތުންގެ އިތުބާރާއި ލޯބި ތިޔަބޭކަލުންނަށް ލިބިގެން ގޮސްފައިވަނީ ތިޔަބޭކަލުން ވެވަޑައިގެންފައިވާ އަދި ވެވަޑައިގަންނަވަމުން ގެންދަވާ މަތިވެރި ޤުރުބާނީގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ. "ދިވެހި ސިފައިންގެ ޤައުމީ ޚިދުމަތުގެ ސިލްސިލާއަކީ ވަރަށް ދިގު ސިލްސިލާއެއް. ޤައުމު ބިނާކުރުމުގެގޮތުން ރާއްޖޭގައި ހެދިފައިވާ އެއަރޕޯޓުތައް ހެދުމުގަޔާއި، މާލޭގެ ބިންހިއްކައި، މަގުތައް ހަދަންފެށި ދުވަސްވަރު ސިފައިން ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހޭ،"
ރައީސް ވިދާޅުވީ ސުނާމީ ކާރިސާ އާއި ނޮވެމްބަރު ތިނެއްގެ ގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ސިފައިން ވެފައިވާ ޤުރުބާނީއަކީ ވަރަށް ބޮޑު ހިދުމަތެއް ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި، މަސްކަނޑުތައް ބެލެހެއްޓުމުގައި ރެއާއި ދުވާލު ސިފައިން ކުރަމުންދާ ބަރު އަދި ބުރަ މަސައްކަތްތައް ފާހަގަ ކުރަންޖެހޭއިރު ރައްޔިތުންގެ ޙައްޤުގައި ސިފައިން ވަމުންދާ ޤުރުބާނީ ހަނދާންކުރަންޖެހޭ ކަމަށެވެ.
"... ސިފައިންނަށް އަޅުގަނޑު ގޮވާލާނީ، ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ޕްރޮފެޝަނަލް ޢަސްކަރިއްޔާއެއްގެ ގޮތުގައި ބައްޓަންކޮށް ދެމެހެއްޓުމަށް. އަދި އެކަމަށްޓަކައި ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ އިތުރުކުރުމަށް. ތަޢުލީމާއި ތަމްރީނުގެ ތެރެއިން ޖިސްމާނީ އަދި ނަފްސާނީ ޤާބިލުކަން އިތުރުކޮށް ކުރިއެރުވުމަށް. ދީނީ ރޫޙު އާލާކޮށް، ޤައުމީ ލޯބި އިތުރުކޮށް، ދީނީ އަދި ޤާނޫނީ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމަށް. ރާއްޖޭގައިއޮތް ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓުމަށް،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ ސިފައިންގެ ވެލްފެއާ ފަންޑް ރަސްމީކޮށް ހުޅުވައިފަ އެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ދެއްވާ ކޮމެންޑޭޝަން ލެޓާ ބައެއް އިސް އޮފިސަރުންނާ ހަވާލު ކުރުން ވެސް އޮތެވެ.
މީގެ އިތުރުން އެމްއެންޑީއެފަށް އެކި ގޮތްގޮތުން އެހީތެރިވެފައިވާ ފަރާތްތަކަށް ވެސް ވަނީ ހަނދާނީ ފިލާ ދީފަ އެވެ.