އެމެރިކާގެ ޓައިމް މެގަޒިންއިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ މިއަހަރުގެ ލިސްޓުން އެކްޓަރު ޝާހްރުކް ޚާން ޖާގަ ހޯދައިފިއެވެ.

ހިންދީ ސިނަމާގެ ކިންގް ޚާންގެ ނަމުން މަޝްހޫރު އެކްޓަރަށް މިފަހަރުގެ ލިސްޓުން ޖާގަ ލިބުނީ އާއްމުންގެ ފަރާތުން ވޯޓަށް ހުޅުވާލުމުން އާއްމުންގެ ފަރާތުން ގިނަ އަދަދަކަށް ވޯޓު ކާމިޔާބުކުރުމުންނެވެ.

މިފަހަރުގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ވޯޓުލީ މީހުންގެ އަދަދު 1.2 މިލިއަނަށް އަރާފައިވާއިރު ޝާހްރުކްގެ އިތުރުން ފިލްމު 'އާރްއާރްއާރް'ގެ ޑައިރެކްޓަރު އެސް އެސް ރާޖާ މޮލީވެސްވަނީ މިލިސްޓުން ޖާގަ ހޯދާފައެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ މިއަހަރުގެ ލިސްޓުން ޝާހު ޖާގަ ހޯދާފައިވާއިރު މީގެކުރިންވެސް އޭނާ ވަނީ މިލިސްޓުން ޖާގަ ހޯދާފައެވެ.

ދުނިޔޭގެ މަޝްހޫރު ގިނަ ބައެއްގެ ނަމާއެކު އިންޑިއާގެ ފިލްމީ ދާއިރާއަށް ނިސްބަތްވާ ދެ ފަރާތެއް ހިމެނިގެންދިއުމަކީ އިންޑިއާއަށް ލިބުނު ފަޚުރެއްގެ ގޮތުގައި އެގައުމުގެ ގިނަބަޔަކު ދެކެއެވެ.

މިއަހަރުގެ ލިސްޓުން ޖާގަ ހޯދާފައިވާ މުހިއްމު ފަރާތްތަކުގެ ތެރޭގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ސީރިއާއަށް ނިސްބަތްވާ މޮޅު ފެތުންތެރިން ކަމަށްވާ ސާރާ މަރްދިނީ އާއި ޔުސްރާ މަރްދީނީ، މަޝްހޫރު މޮޑެލް ބެލާ ހަދީދް، ބިލިއަނަރު އެލޮން މަސްކް އަދި ލަވަކިޔުންތެރިޔާ ބިޔޯންސޭ ހިމެނެއެވެ.

ޓައިމްސްގެ މިއަހަރުގެ މެގަޒިންގައި ޝާހްރުކްގެ ހާއްސަ ޕްރޮފައިލްއެއް ހިމަނާފައިވާއިރު މިޕްރޮފައިލްގައި ބަތަލާ ދިޕިކާ ޕަދުކޯން އެކްޓަރާބެހޭގޮތުން ދެކޭގޮތްވަނީ ޝާއިއުކޮށްފައިވެއެވެ.

ދިޕިކާގެ ޚާއްސަ ލިޔުންކޮޅުގައި ބުނެފައިވަނީ، ޝާހްރުކް ޚާންއާ ބެހޭގޮތުން ވާހަކަދައްކަން ފަށައިފިނަމަ އެވާހަކަތަކަށް ނިމުމެއް ނާންނާނެ ކަމަށެވެ. އެކްޓިންއަށް ވުރެ ބޮޑަށް ޝާހުއަކީ އެކީގައި މަސައްކަތްކުރާ މީހުންނަށް ވަރަށް ހެޔޮކޮށް ކަމޭހިތާ ފަރާތެއްކަމަށް ދިޕިކާވަނީ ބުނެފައެވެ.

ކުޅަދާނަ ޑައިރެކްޓަރު ރާޖާ މޮލީއާ ބެހޭގޮތުން ބަތަލާ އާލިއާ ބަޓްގެ ޚާއްސަ ލިޔުންކޮޅެއް ހިމަނާފައިވާއިރު އާލިއާ ބުނެފައިވަނީ، ރާޖާ މޮލީއަކީ، އިންޑިއާގެ ތާރީޚީ ވާހަކަތައް އޯޑިއަންސަށް ކިޔައިދޭ މާސްޓަ ސްޓޯރީ ޓެލާއެއްކަމުގައެވެ.