ބަތަލާ ސާރާ އަލީ ޚާންއާއި އެކްޓަރު ވިކީ ކޯޝަލް މުހިންމު ރޯލްތައް ކުޅޭ ފިލްމުގެ ނަމަކީ 'ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ'ކަން އިއުލާންކޮށްފިއެވެ.

އެ ފިލްމަކީ، މިދިޔަ އަހަރު އިއުލާނުކުރި ފިލްމެކެވެ. ޖިއޯ ސްޓޫޑިއޯގެ މިފިލްމު ގެނެސްދޭނީ ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ މެޑްޑޮކް ފިލްމްސް ބެނާގެ ދަށުންނެވެ.

ވިކީއާއި ސާރާ ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނުން ފެންނާނެ މިފިލްމަކީ މިހާރު މަސައްކަތް ނިމި ޕޯސްޓް ޕްރޮޑަކްޝަންގެ މަރުޙަލާގައި އޮތް ފިލްމެކެވެ. ސޯމްޔާގެ ނަމުން ސާރާ ފިލްމުގައި ފެންނާނެއިރު ފިލްމުގެ ޝޫޓިންގް ނިންމާލިކަން އަންގާލުމަށް ސާރާކުރި ޕޯސްޓެއްގައި ޑައިރެކްޓަރު ލަކްޝްމަން އުތޭކަރަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ލަކްޝްމަން އުތޭކަރު ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2019ވަނަ އަހަރު ރިލީޒްވި ފިލްމު 'ލުއްކާ ޗުއްޕީ' އަދި 2021ވަނަ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު 'މިމީ' ހިމެނެއެވެ. މީގެއިތުރުން ބަތަލާ ސްރީދޭވީ މުހިއްމު ރޯލެއް ކުޅުނު ފިލްމު 'އިންގްލިޝް ވިންގްލިޝް' އަދި ގޯރީ ޝިންޑޭގެ 'ޑިއާ ޒިންދަގީ'ގައިވެސް ލަކްޝްމަންވަނީ މަސައްކަތްކޮށްފައެވެ.

ރީތި ލޯބީގެ ވާހަކައެއް ކިޔައިދޭ މިފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ޕްރޮޑަކްޝަން ހައުސްއިން އިއުލާނެއް ނުކުރެއެވެ. އެހެންނަމަވެސް ޖިއޯ ސްޓޫޑިއޯއިންވަނީ އެކުންފުނީގެ ދަށުން ކުރިމަގުގައި އުފައްދަން ނިންމާފައިވާ ގިނަ ފިލްމީ ޕްރޮޖެކްޓްތަކުގެ މައުލޫމާތު މީޑިއާއާ ހިއްސާކޮށްފައެވެ.

ބަތަލާ ސާރާ އަލީ ޚާންގެ އެންމެ ފަހުން ރިލީޒްކޮށްފައިވާ ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ޕްރިމިއާކުރި ފިލްމު 'ގޭސް ލައިޓް'އެވެ. އެކްޓަރު ވިކީ ކޯޝަލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު 'ގޯވިންދާ ނާމް މޭރާ'އިންނެވެ.