03 Aug 2010, 21:04
00:55
އެމްޑީޕީ ހަރުގޭގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަނުގައި ހުރި ބައެއް ސާމާނު އަނދައި ހުލިވެއްޖެ އެވެ.
ރޭ މެންދަމު އެކެއްޖަހަން ގާތްވެފައި ވަނިކޮށް މި ހާދިސާ ހިނގައިފައި މި ވަނީ އެމްޑީޕީ ހަރުގޭގައި ބައެއް އެކްޓިވިސްޓުން ވެސް އުޅެނިކޮށެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެ އެވެ.
އެމްޑީޕީގެ ޖަލްސާތަކާއި ހަރަކާތްތައް ބާއްވަމުން އަންނަ ހަރުގޭގައި މި އަލިފާނުގެ ހާދިސާ ހިނގިއިރު ތިބި ބައެއް އެކްޓިވިސްޓުން ސަންއެފްއެމަށް މައުލޫމާތު ދިން ގޮތުގައި، މި އަލިފާންގަނޑު ރޯކޮށްލާފައި ވަނީ ބޭރުން ދިޔަ ބަޔަކު، ގޮވާ ޒާތުގެ އެއްޗެއް ގުދަނުގެ ތެރެއަށް އެއްލާލައިގެންނެވެ. އެހެން ނަމަވެސް އަދި ފުލުހުން މިކަން ކަށަވަރުކޮށްދީފައެއްނުވެ އެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން ދަނީ ގުދަނުގައި އަލިފާނުގެ ހާދިސާ ހިނގި ގޮތުގެ ތަހުގީގުކުރަމުންނެވެ.
އެމްޑީޕީ ހަރުގޭގެ ގުދަނުގައި ހުރި ސަމާނުތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން އެމްޑީޕީގެ ހަރަކާތްތަކުގައި ބޭނުންކުރާ ސައުންޑް ސިސްޓަމާއި މެގަފޯނާއި، ކެމެރާ އާއި ތަފާތު އިލެކްޓްރޯނިކް ސާމާނުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. މީގެ އިތުރުން ގުދަނުގައި ހުރި ފައިލްތަކާއި ބައެއް ލިޔެކިޔުންތައް ވެސް ވަނީ ހަލާކުވެފަ އެވެ.
އެމްޑީޕީ ހަރުގެއަށާއި މުދާތަކަށް ލިބުނު ގެއްލުންތައް މި ހާދިސާ ކަވަރުކުރުމަށް ގޮސް ހުރި ސަންއެފްއެމްގެ ނޫސްވެރިޔަކަށް ވަނީ ވަރަށް ގާތުން ފެނިފަ އެވެ.
އާއްމުންގެ ގިނަ ބަޔަކު ފާރުމަތިން ބޯދިއްކޮށްގެން މަންޒަރު ބަލަން ތިބިއިރު، އެމްޑީޕީގެ އިދާރީ މުވައްޒަފުންނާއި އެކްޓިވިސްޓުން ވަނީ ރޭ ތަން ސާފުކޮށް، ސާމާނުތައް ވަކިކުރުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.