ސިނގިރޭޓު ބޮއެފައި އޭގެ ފިލްޓަރު ނިއްވައިނުލާ އެއްލައިލާނަމަ، އެ ކަން ކުރާކަން ފާހަގަކުރެވޭ މީހުންގެ ހިޔާ ފުލެޓުތައް އަތުލާނެ ކަމުގެ އިންޒާރު އާބަންކޯއިން ދީފިއެވެ.

ހިޔާ ފުލެޓުގެ ހަތްވަނަ ޓަވަރުގައި މިރޭ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. މިއީ މި ރޯދަ މަހު ހިނގި އެފަދަ ދެވަނަ އަލިފާނުގެ ހާދިސާއެވެ. ހިޔާ އަވަށުގައި ހިނގި ދެ އަލިފާނުގެ ހާދިސާ ވެސް ހިނގާފައިވަނީ ބެލްކަނީގައި ހުރި ކުނިތަކެއްގެ މައްޗަށް ސިނގިރޭޓު ފިލްޓަރެއް އެއްލައިލުމުގެ ސަބަބުންނެވެ.

އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހް މިރޭ "ސަން"އަށް ވިދާޅުވީ މިއީ އެއްވެސް ވަރަކަށް އެ ކުންފުނިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެގޮތަށް އަމަލުކުރާކަން ފާހަގަކުރެވޭ ހިސާބުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި، އެފަދަ ފަރާތްތަކުގެ ފުލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ.

"އެންމެ މީހެއްގެ ހިތްހަމަ ޖެހުމަށް ކުރާ ކަމެއްގެ ސަބަބުން އެތައް ހާސް ރައްޔިތުންނެއް މި ތިބެނީ ނުނިދާ ހޭލައި، ފުރާނައަށް ނުރައްކާ ވެގެން، ބިރުވެރިކަމެއްގައި މި ތިބެނީ." އޭނާ ވިދާޅުވިއެވެ.

"ކާކުކަން، ކޮން ފުލެޓަކުން ކަން، ކޮން ބައެއްކަން އެނގޭ ހިސާބުން ނަގަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން، މިއީ ދޫ ދޭނެ ކަމެއް ނޫން، އާބަންކޯއަކުން. ފުލެޓު އަތުލަން ވިޔަސް، ޖޫރިމަނާ ކުރަން ވިޔަސް، އެހެން ގޮތަކަށް ވިޔަސް އެއްބަސްވުމުގެ ދަށުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން. އަޅުގަނޑުމެންނަށް އެންމެ ފަރުދެއް މުހިންމެއް ނުވާނެ، އަޅުގަނޑުމެންނަށް މުހިންމު ވާނީ އެތާ އެތައް ހާސް ރައްޔިތުންނެއް،"

އޭނާ ވިދާޅުވި ގޮތުގައި ފުލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ކުރެވޭ ކަންކަމުގެ ސަބަބުން ކުރިމަތިވާ ނުރައްކާ ވެސް އެނގެން ޖެހޭ ކަމަށެވެ. އެހެންވެ، އަޅަން ޖެހޭ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

އެހެން ތަންތަނުގައި އަލިފާނުގެ ހާދިސާތައް ހިނގުމާ ހިޔާ ފުލެޓުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ތަފާތު ވާނެ ކަމަށް މިމްރާހް ވިދާޅުވިއެވެ. އެގޮތުން ހިޔާ އަވަށަކީ އެތައް ހާސް ރައްޔިތުންނެއް ދިރިއުޅޭ ސަރަހައްދެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އާބަންކޯއިން ނެރުނު ބަޔާނުގައި ވަނީ، ހިޔާ ފްލެޓުތައް މީހުންނަށް ދީފައި ވަނީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެ ފްލެޓްތަކުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެ ފަދަ އެއްވެސް އަމަލެއް ކުރުމާއި އުނދަގޫވާނެ ފަދަ ކަންކަން ކުރުމަކީ ގާނޫނީ އެއްބަސްވުމެއްގެ ދަށުން މަނާކޮށްފައިވާ ކަންކަން ކަމަށް އެ ބަޔާނުގައިވެއެވެ.

"އޭގެ ތެރޭގައި ސިނގިރޭޓު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތުގައި ދިރިއުޅޭ ބަޔަކަށް ނުވަތަ އިމާރާތަށް ގެއްލުމެއް ވާނެ އެއްވެސް ކަމަކީ މަނާ ކަންކަމެވެ. އަދި ވަކިން ޚާއްސަކޮށް ފްލެޓްގެ ބެލްކަނިން ބޭރަށް ނުވަތަ ކޮރިޑޯއަށް އާންމުންނަށް އުނދަގޫވާނެ ގޮތަށް ވޭޕްކުރުމާއި، ސިނގިރޭޓު ބުއިން އަދި އަޅިކެނޑުމަކީ މަނާކަމެއްކަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެއެވެ." އާބަންކޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން، އުސޫލުތަކާ ޚިލާފަށް އަމަލުކުރާ ނަމަ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން އެއްބަސްވުމާ ޚިލާފުވާ މިންވަރަށް ބަލައި، 1،000 ރުފިޔާ އާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާނުގައިވެެއެވެ.

"މިފަދަ ހާދިސާތައް ތަހުގީގު ކުރުމަށް ފަހު ރައްޔިތުންގެ ސަލާމަތަށް އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތު ވެސް އޮންނާނެއެވެ." އާބަންކޯއިން ބުންޏެވެ.