ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ހިޔާ ފުލެޓުތަކުގެ ހަތްވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިރޭ 8:30 އެހާކަށްހާއިރެވެ.

އެ ކަމާ ގުޅިގެން އާބަންކޯއިން ބުނީ، ހިޔާގެ އެޗް ހަތެއް ޓަވަރުގެ ޔުނިޓެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެކަމަކު، އެ އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފައެވެ.

ހިޔާ ފުލެޓުގެ އެޗް ހަތެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި-- ސަން ފޮޓޯ

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އެ ޓަވަރުގެ އެއްވަނަ ބުރީގައި ހުރި އެޕާޓްމެންޓެއްގެ ބެލްކަނީގައި ބަހައްޓާފައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށާއި އެ އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެ އެޕާޓްމެންޓުގައި އެއްވެސް މީހަކު ނެތެވެ.

މި މަހު ކުރީކޮޅު ކުރިން ވެސް ވަނީ ޓަވަރު ފަހެއްގެ 17ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެ ދުވަހު ވެސް އަލިފާން ރޯވެފައިވަނީ ބެލްކަނީގައި ހުރި ކުނިތަކެއްގައި ރޯވެގެންނެވެ.