ވީލްޗެއާގައި ކަފިހި ހުރަސް މަތިން މަގު ހުރަސްކުރަމުން ދަނިކޮށް ކާރަކުން ޖެހި އާބަންކޯގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހްމަދު ނަޖީބަށް އަނިޔާތަކެއް ވެއްޖެއެވެ.

ނަޖީބުގެ ކޮއްކޮ މިއަދު "ސަން"އާ ވާހަކަ ދައްކަމުން ބުނީ މި އެކްސިޑެންޓް ހިނގީ ރޭ 9:10 އެހާކަށްހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަމަށެވެ. ކަފިހިހުރަހުން މަގު ހުރަސްކުރަން ނަޖީބު ދަނިކޮށް، ދުއްވައިފައި ދިޔަ ޕްރައިވެޓް ކާރަކުން ޖެހި އޭނާ "ވިއްސައިގެން" ދިޔައީ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަމަ އެ ވަގުތު ނަޖީބު ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލުގައި ޓެސްޓުތައް ހެދުމަށްފަހު ރޭ 10:30 ހާއިރު އޭނާ ދޫކޮށްލީ މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ބުނެއެވެ.

"ދެން ވީ ގޮތަކީ ރޭގައި ދަންވަރު 1:30 އެހާކަށްހާއިރު އަނެއްކާ ނޭވާލާން އުނދަގޫވެގެން މީހާ ވަރަށް ބޮޑަށް ސަކަރާތްވެގެން ގެނައީ. ގެނެސް އިތުރަށް ޓެސްޓުތަކާ ސީޓީ ސްކޭނެއް ވެސް ހެދީ،" ނަޖީބުގެ ކޮއްކޮ ކިޔައިދިނެވެ.

ނަތީޖާތައް ދެއްކި ގޮތުން، ނަޖީބުގެ އުކުޅުވަޅުގެ ކަށިގަނޑުވަނީ ބިންދައިގެން ގޮސްފައެވެ. އެހެންވެ، ސާޖަރީއެއް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރާ ހަވާލާދީ ނަޖީބުގެ ކޮއްކޮ ކިޔައިދިނެވެ.

އެހެން ނަމަވެސް، ސާޖަރީ ހެދުމުގެ ކުރިން ކޮވިޑަށް ޓެސްޓުކުރި އިރު ނަޖީބު ޕޮޒިޓިވްވީއެވެ. އޭނާ މިހާރު ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވާއިރު، ހަތް ވަރަކަށް ދުވަސް ފަހުން ސާޖަރީ ކުރާނެ ކަމަށް އާއިލާއިން ބުނެއެވެ.

އެކްސިޑެންޓުގައި ވީލްޗެއާއަށް ވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.

ނަޖީބަކީ އާބަންކޯގައި މަސައްކަތްކުރާ މީހެކެވެ. އަދި، އޭނާއަކީ އެ ކުންފުނީގެ ޑިސްއެބިލިޓީ އެމްބެސެޑަރު ވެސް މެއެވެ. މީގެ އިތުރުން، ނަޖީބަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ)ގެ ވައިސް ޗެއާޕާސަންއެވެ.

ނަޖީބުގެ މޫނަކީ އާންމުންނަށް އާ މޫނެއް ނޫނެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ގުޅިގެން އާންމުން ހޭލުންތެރިކުރުވުމުގެ ގިނަ ވީޑިއޯތަކަކުން ވެސް ނަޖީބު މީގެ ކުރިން ފެނިފައިވެއެވެ.