14 Apr 2023, 20:18
މަޖީދީ މަގުގެ ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ވޭނެއްް ކޮންޓްރޯލް ނުވެ، ގެއެއްގެ ބޭރު ދޮރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ރޭ މެންދަމުން އަލިވެ 4:00 ހާއިރު މި ހާދިސާ ހިނގާފައި ވަނީ މުދާ އަރުވައިގެން މަޖީދީ މަގުގައި ހުންނަ ރަޝެލް ކޮސްމެޓިކްސް ފިހާރައަށް އައި ވޭނެއް މަޑުކުރަން އުޅެނިކޮށް ކޮންޓްރޯލް ނުވެ ގޮސް އެ ފިހާރައާ ޖެހިގެން ހުރި ހ. އަލިމަސްގޭގެ ބޭރު ދޮރުގެ ދޮރުކަނީގައި ޖެހިގެންނެވެ.

ރޭގެ އެކްސިޑެންޓްވި ވޭން -- ސަން ފޮޓޯ
ދުއްވާ އެއްޗެއްސާއި ހިނގާ މީހުން ވެސް މަދު އެ ވަގުތުގައި ވޭން ދުއްވީ އެ ފިހާރައިގެ ވެރިޔާއެވެ. އެއީ، ސްރީލަންކާގެ ރައްޔިތެކެވެ. "ސަން"އާ ވާހަކަދައްކަމުން އެ މީހާ ބުނީ ދުއްވަފައި އަންނިކޮށް، ކުރިމަތިން އައި ސައިކަލެއްގައި ޖެހިދާނެތީ، ބުރަކި ޖެއްސި ވަގުތު މަތަނުވެ ގޮސް އެ ގޭގެ ދޮރުގައި ޖެހުނީ ކަމަށެވެ.
"އަހަރެން ދުއްވާފައި އަންނިކޮށް ކުރިމަތިން އަންނަ ސައިކަލް ފެނުނީ، ސައިކަލުން ނައްޓަން އަނބުރާލާ ގަޑީގަ ގޭ ދޮރުގަ ޖެހުނީ." އޭނާ ބުންޏެވެ.
ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް އެ ގޭގެ ބޭރު ދޮރުގެ ދޮރުކަންޏާއި، ބޭރު ފާރުގައި ހަރުކޮށްފައި ހުރި ސްޓެލްކޯގެ ޑިސްޓްރިބިުޝަން ފޮށި، އަދި، ވޭނުގެ ކުރީކޮޅަށް ވަނީ ގެއްލުންތަކެއް ވެފައެވެ.

ރޭގެ އެކްސިޑެންޓްވި ވޭން -- ސަން ފޮޓޯ
"ބިދޭސީ މީހާ ވޭން ދުއްވީ އަސްލުގަ ބާރަށޭ ބުނެވޭނީ. ތާޒްޑޭ ނައިޓް ވީމަ ކަމަށް ވެދާނެ. އެ ވަގުތު ދޮރުމަތީމަ މީހަކު ނެތްކަން ހަމަ ނަސީބު،" މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.