22 Apr 2012, 21:44
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭރުގެ މީޑިޔާތަކުގައި ފާޅުކުރައްވަމުން ގެންދަވާ އިސްލާމްދީނާ ދެކޮޅު ހިޔާލުތައް ކުށްވެރިކުރައްވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ސޯޝަލް ނެޓްވޯކް "ޓްވިޓާ"ގައި އަލްހާނު މިއަދު ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދު އެފަދަ ހިޔާލުތައް ފާޅުކުރެއްވުމަކީ ހިތާމަހުރި އަދި އޭގެ ގެއްލުން އިންތިހާއަށް ބޮޑު ކަމެއް ކަމަށެވެ.
"ބޭރުގެ މީޑިޔާތަކުގައި ރައީސް ނަޝީދު ފާޅުކުރައްވާފައިވާ އިސްލާމްދީނާ ދެކޮޅު ހިޔާލުތައް އަޅުގަނޑު ކުށްވެރިކުރަން. މިއީ ހިތާމަހުރި އަދި އިންތިހާއަށް ގެއްލުން ބޮޑު ކަމެއް،" އަލްހާންގެ ޓުވިޓާ އެކައުންޓުގައި ލިއުއްވާފައިވެ އެވެ.
ޓުވިޓާގައި މި އިބާރާތް ލިޔެފައިވާ އެކައުންޓަކީ އަލްހާނުގެ އެކައުންޓްކަން އޭނާ ކަށަވަރުކޮށް ދެއްވި ނަމަވެސް އެކަމާ މެދު އިތުރު ވާހަކަފުޅެއް އޭނާ ވިދާޅެއް ނުވެ އެވެ.
މާ އިސްލާމީ ނޫން ހަމަހަމަ މުގައްރަރަކަށް ރާއްޖޭގެ މުގައްރަރު ބަދަލުކުރައްވަން މަސައްކަތް ކުރެއްވި ކަމަށާއި 30 އަހަރު ވަންދެން ރާއްޖެ އިން ގުޅުން ކަނޑާލާފައި އޮތް އިސްރާއީލާ އަލުން ގުޅުން ބަދަހި ކުރެއްވި ކަމަށް އެމެރިކާގެ ވޮޝިންޓަން ޕޯސްޓަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ. އަދި ހައްދުފަހަނައަޅާފައިވާ މީހުން ބުރުގާ އެޅުމަށް މަޖުބޫރުކޮށްފައިވާ އަންހެނުންނަށް ހިމާޔަތް ދެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް އެމަނިކުފާނާ ހަވާލާދީ އެ ނޫހުގައިވެ އެވެ.
ރައީސް ނަޝީދުގެ އެ ވާހަކަ ފުޅުތަކަކީ އިސްލާމްދީނާ ދެކޮޅު ވާހަކަފުޅުތަކެއް ކަމަށް އެމްޑީޕީއާ ދެކޮޅު ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.