14 Apr 2023, 13:35
ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ގުނަމުން ދާއިރު، ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.
އެގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، އެ ރޭ ހޯދުމަށް ފަހު ދިހައެއްގައި ގަދައަޅާ މަސައްކަތް ކުރަން ޖެހޭކަމަށެވެ. ކީރިތި ރަސޫލާގެ އަނބިއަނބި ކަނބަލުން ފަހު ދިހައިގެ ރޭތައް އިހްޔާ ކުރުމުގެ ގޮތުން އަވަހާރަފުޅު ނުލައްޕަވައެވެ. އަދި އެކަލޭގެފާނު ވެސް ފަހު ދިހައިގައި އަޅުކަން ކުރެއްވުމަށް އެހެން ދުވަސްތަކަށް ވުރެން ބޮޑަށް ހީވާގިވެ ވަޑައިގެން ގަދައަޅުއްވާ ހިތްމަތް ކުރެއްވިއެވެ.
ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ބަޔާންކުރައްވާ މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ލައިލަތުންޤަދްރި ވިލޭރެއަކީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑެވެ،"
މި ބަސްފުޅުން އެނގެނީ އެރޭގެ އަޅުކަން ކުރުން ސަވާބާއި ދަރުމައިގެ ގޮތުން އެއްހާސް މައްސަރުގެ އަޅުކަން ކުރުމާ އެއްވަރު ކަމެވެ.
ލައިލަތުންޤަދްރި ވިލޭރޭ ވަންހަނާ ކުރައްވާފައި ވަނީ، އެރޭ ހޯދުމަށް މީހުންގެ މެދުގައި ޝައުގުވެރިކަން ބޮޑުކުރުމަށް ކަމަށް ޚުތުބާގައި ބުންނެވެ. ލައިލަތުލް ޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތް ބޭކަލުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެއީ އަމާންކަމުގެ ރެއެކެވެ. ސުލްހަ މަސަލަސް ކަމުގެ ރެއެކެވެ. އެރޭގައި ކޯފާ ލެއްވުމެއް ނުވާނެއެވެ.
ބަރަކާތްތެރި ރޯދަމަހަށް ފަހު ދެން ކުރިމަތި ލާނީ ފިތުރު އީދާއެވެ. އެއީ ރަމަޟާން މަހު ރޯދަ ހިފުމުގައި މާތްﷲ ދެއްވި ހެޔޮ ތައުފީގަށް ޝުކުރު ދެންނެވުމާއި އެކަލާންގެ ކުރަން އެންގެވި ކަމެއް ކުރެވުނީތީ އުފާ ފާޅުކުރުމަށެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، ފިތުރު ޒަކާތް ފަރުޟު ކުރެއްވީ އެ ދުވަހުގެ އުފަލުގައި ފަގީރުންނާއި މިސްކީނުން ބައިވެރި ކުރުމަށް ކަމަށެވެ.
އެހެންކަމުން ޒަކާތް ނެރުން އަވަސްކުރުމަށް ގޮވާލާ ޚުތުބާގައި ބުނީ، އީދު ދުވަހު އީދު ނަމާދުގެ ކުރިން ޒަކާތް ނުނެރެވިއްޖެ ނަމަ އެއީ ޒަކާތް ކަމުގައި ނުބެލެވޭނެ ކަމަށެވެ.
"އެހެންކަމުން ރައްކާތެރި ވުމުގެ ގޮތުން އެންމެ ރަނގަޅު ގޮތަކީ ޒަކާތް ނެރުން އަވަސްކުރުން،" ޚުތުބާގައި ބުންނެވެ.