14 Apr 2023, 11:21
ޖިއޯ ސްޓޫޑިއޯއިން 2018ވަނަ އަހަރު ރިލީޒްކުރި ހޮރޯ ކޮމޭޑިއަން ފިލްމު "ސްތްރީ"ގެ ދެވަނަ ބައި "ސްތްރީ 2" އިއުލާނުކޮށް ފިލްމު ރިލީޒްކުރުން އަންނަ އަހަރަށް ތާވަލުކޮށްފިއެވެ.
މި ފިލްމުގެ ސީކުއަލް ރިލީޒްކުރުމަށް ނިންމާފައިވަނީ އެ އަހަރުގެ އޮގަސްޓް 31ގައެވެ. ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި މި ފިލްމަކީ 2018ވަނަ އަހަރު ރިލީޒްވި ފިލްމުތަކުގެތެރެއިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.
އަމަރް ކޯޝިކް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ މުހިއްމު ރޯލް ކުޅެފައިވަނީ، ބަތަލާ ޝްރަދާ ކަޕޫރު، ރާޖްކުމާރު ރާއޯ، ޕަންކަޖް ތްރިޕާތީ އަދި އަޕަރްޝަކްތީ ކުރާނާއެވެ. މި ފިލްމުގެ ފުރަތަމަ ބަޔަށް އޭރު ލިބުނު މަގުބޫލުކަމާއެކު ޖިއޯ ސްޓޫޑިއޯސްއާއި މެޑްޑޮކް ފިލްމްސްއިން ވަނީ އިތުރު ހެއްވާ ބިރުވެރި ފިލްމުތަކެއް ގެނެސްދީފައެވެ. އޭގެތެރޭގައި ރާޖްކުމާރު ރާއޯ އާއި ބަތަލާ ޖާންވީ ކަޕޫރުގެ ފިލްމު "ރޫހީ" އަދި ވަރުން ދަވަންއާއި ކްރިތީ ސެނޮންގެ ފިލްމު "ބޭޅިޔާ" ހިމެނެއެވެ. ބަތަލާ ޝްރަދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ލީޑް ރޯލްކުޅޭ މިފިލްމުގެ ދެވަނަ ބައިގެ ޝޫޓިންގް ވަރަށް އަވަހަށް ފަށަން ތައްޔާރުވެފައިވާކަމަށް ޝްރަދާކަޕޫރު ވަނީ ބުނެފައެވެ.
މި ފިލްމުގެ މަސައްކަތް މަޑުޖެހިފައިވީ ޝްރަދާގެ ފިލްމު "ތޫ ޖޫތީ މޭ މައްކާރު"ގެ މަސައްކަތުގައި ބަތަލާ އަވަދިނެތި އުޅުމާއެކުއެވެ.
"ސްތްރީ2" އޮގަސްޓް 2024ގައި ރިލީޒްކުރަން ނިންމާފައިވާއިރު މި ފިލްމުގެ ފުރަތަމަ ބައި ރިލީޒް ކޮށްފައި ވަނީ 2018ވަނަ އަހަރުގެ ހަމަ މި ތާރީޚުގައެވެ. މި ސީކުއަލްގެ މަސައްކަތް ފެށުމަށް ރޭވިފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ރާޖްކުމާރު ރާއޯގެ ތިން ފިލްމެއް ވޭތުވެދިޔަ އަހަރު ރިލީޒްވެފައިވާއިރު އެކްޓަރު ވަނީ "ސްތްރީ 2"ގެ އިތުރުން އިތުރު ދެ ފިލްމެއް ކުޅެން މި އަހަރު ސޮއިކޮށްފައެވެ. އޭގެތެރެއިން މިދިޔަ މާރޗް މަހު ރިލީޒްވި ފިލްމު "ބީޅް"އަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. ބަތަލާ ޝްރަދާ ކަޕޫރުގެ ދާދިފަހުން ރިލީޒްވި ފިލްމު "ތޫ ޖޫތީ މޭ މައްކާރު"ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.