14 Apr 2023, 11:28
އެކްޓަރު ޝާހިދު ކަޕޫރުގެ ކުރިޔަށްއޮތް ފިލްމު "ބްލަޑީ ޑެޑީ"ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި އޮންލައިންކޮށް ސްޓްރީމްކުރާގޮތަށް ނިންމައިފިއެވެ.
ޖިއޯ ސްޓޫޑިއޯގެ ކުރިޔަށްހުރި ގިނަ ފިލްމީ ޕްރޮޖެކްޓްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ބޭއްވި އިވެންޓުގައި އެ ސްޓޫޑިއޯއިން ބުނެފައިވަނީ މި ފިލްމު ސްޓްރީމް ކުރާނީ ޖިއޯ ސިނަމާގައި ކަމަށެވެ. ޖިއޯ ސްޓޫޑިއޯގެ ޖިއޯ ސިނެމާއިން މި ފިލްމު ޕްރިމިއާކުރާނީ މިއަހަރުގެ ޖޫން މަހުގެ 9ގައި ކަމަށް ވެސް ވަނީ ބުނެފައެވެ.
ފިލްމުގެ ކުޑަ ޓީޒާއެއްވެސް އާއްމުންނަށް ދައްކާލާފައިވާއިރު މިއީ، 2011ވަނަ އަހަރު ރިލީޒްވި ފްރާންސްގެ ފިލްމެއްކަމަށްވާ "ނުއީ ބްލާންޗް" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. ޢަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި ފިލްމުން ޝާހިދު ކަޕޫރުގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ބެލުންތެރިންނަށް ފެންނާނެކަމަށް ޢަލީ އައްބާސް ވަނީ ބުނެފައެވެ. ފިލްމުގައި ޝާހިދު ފެނިގެންދާނީ އަންހެން ދަރިއަކު ސަލާމަތްކުރުމަށްޓަކައި ގުރުބާންވާ ބައްޕައެއްގެ ރޯލްއިންނެވެ. ޝާހިދު ކަޕޫރުގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްއިން އެކްޓަރު ސަންޖޭ ކަޕޫރު، ރޮނިތް ރޯއި، ރާޖް ކަންޑޭލްވަލް އަދި ބަތަލާ ޑަޔާނާ ޕެންޓީ ވެސް ފެންނާނެއެވެ.
ޑައިރެކްޓަރު އަލީ އައްބާސް ޒަފަރަކީ ސަލްމާން ޚާންގެ އެންމެ ކާމިޔާބު ފިލްމުތައްކަމަށްވާ "ޓައިގާ ޒިންދާހޭ"، "ސުލްތާން" އަދި "ބާރަތު"ގެ ވެސް ޑައިރެކްޓަރެވެ.
މި ފިލްމަކީ، އަލީ އައްބާސްއާއެކު ޝާހިދު މަސައްކަތްކުރާ ފުރަތަމަ ފިލްމު ވެސް މެއެވެ. މި ފިލްމާ ބެހޭ ގޮތުން ޝާހިދު ބުނެފައިވަނީ، އަލީ އައްބާސްގެ އެކްޝަން ފިލްމެއްގައި މަސައްކަތްކޮށްލުމުގެ ތަޖުރިބާ ވަރަށް ވެސް ރަނގަޅު ކަމުގައެވެ. ހާއްސަކޮށް ސްޓްރީމިންގް ޕްލެޓްފޯމްތަކުގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްލުމަކީ އަބަދުވެސް ކުރަން ބޭނުންވި ތަޖުރިބާއެއްކަމަށް ޝާހިދު ބުނެފައިވެއެވެ. ޝާހިދުގެ ފުރަތަމަ ވެބް ސީރީސް "ފަރްޒީ" މި އަހަރުގެ ފެބްރުއަރީ މަހުގެ 10ގައި އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރަން ފަށާފައިވާއިރު މި ސީރީސްއަށް ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފައެވެ.