މަޝްހޫރު ކޮމީޑިއަނުންކަމަށްވާ ނާޒިރު ޝިހާމް (ކާއްޓޭ) އާއި ހުސައިން ޝާދު (މަޓޭ)ގެ ވީޑިއޯތައް ފެންނަނީ އަބަދުވެސް ވަރަށް ކުރުކޮށްނެވެ. އެކަމަކު، އެ ތިން މިނެޓުގެ ވީޑިއޯތައް ދިގުވެ، 1 ގަޑިއިރާއި 45 މިނެޓުގެ ފިލްމެއް އަޅުވަން އެ މީހުން އެ ދަނީ ތައްޔާރުވަމުންނެވެ.

ޕާޓިކަލްސް ސްޓޫޑިއޯއިން ޕްރޮޑިއުސްކުރާ މި ފީޗަރ ފިލްމުގެ ނަމަކީ "ވަނާޖުބޭސާ"އެވެ. އެ ފިލްމުގެ ޓިކެޓު މިދިޔަ ހޯމަ ދުވަހުން ފަށައިގެން ވިއްކަމުން އެބަ ގެންދެއެވެ. މި ފިލްމު އަޅުވާނީ މިމަހުގެ 25 އިން 30އަށެވެ.

ޓިކެޓު ނަގަން ބޭނުންވާ ފަރާތްތަކުން 7554424އަށް ވައިބާ ކޮށްގެން ޓިކެޓު ނެގޭނެއެވެ. އަދި ރޭގަނޑު 9-11އަށް އޮލިމްޕަހުން ވެސް ޓިކެޓު ލިބޭނެއެވެ.

މި ފިލްމާ ބެހޭ ގޮތުން ކާއްޓޭ ބުނީ މި ފިލްމު ހަދަން ހިޔާލުކުރީ ފިލްމެއް ހެދުމަކީ ވަރަށް އުނދަގޫ ކަމެއްް ކަމަށް ގިނަ ބަޔަކު ބުނުމުން ކަމަށެވެ. އަދި އެ ކަން ކުރެވޭނޭކަން ސާބިތުކޮށްދިނުމަށް ކަމަށް އޭނާ ބުންޏެވެ.

"މިހާރު އެނގިއްޖެ އުނދަގޫ ކަމެއްކަން. އެކަަމަކު ކުރެވިދާނެ ކަމެއްކަން،" ކާއްޓޭ ބުންޏެވެ.

ކާއްޓޭ ބުނީ އަބަދުވެސް ރާއްޖޭގައި ހަދާ ގިނަ ފިލްމުތަކަކީ ސީރިއަސް ފިލްމުތަކެއް ކަމަށެވެ. އެހެން ނަމަވެސް، މި ފިލްމު ބަލާލުމުން، ހާސްކަން ފިލައި، އުފާވެރިކަމުގެ އިހުސާސެއް ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

"މި ފިލްމުގެ ތަފާތުކަމަކީ ހުރިހާ އުމުރުފުރާއަކަށް ވެސް ގުޅޭ، އާއިލާ އެއްކޮށް ތިބެގެން ބަލާލެވޭ ހެއްވާ މަޖާ ފިލްމަކަށް ވާނެ،" ކާއްޓޭ ބުންޏެވެ.

އެކަމަކު، ސުވާލަކީ ތިން މިނެޓުގެ ވީޑިއޯތަކެއް އެތައް ދުވަހެއް ވަންދެން ހަދަމުން އައި ބަޔަކަށް ފިލްމަކުން ބަޔަކު ހެއްވާލެވިދާނެތޯއެވެ.

"ގެރެންޓީ އިރާދަކުރެއްވިއްޔާ. ތިން މިނެޓު ބަލައިގެން ހެންޏާ މުޅި ފިލްމު ބަލައިގެން ހެވިފަ ނުކުންނަން ޖެހޭނީ،" އެ ސުވާލަަށް ކާއްޓޭގެ ޖަވާބަކީ މިއެވެ.

"ބަލާލަން ބޭނުމީ ހަގީގަތުގައި ވެސް އަހަންނަކީ މަޖާ ބައެއް ތޯ. ބަޔަކު އަހަރެމެންގެ އެއްޗެއް ބަލާފަ ހޭތަން އަލަށްތާ އަހަރެމެންނަށް ފެންނާނީ،"

މި ފިލްމަކީ ރާއްޖޭގައި އެޅުވޭނެ އެންމެ ތަފާތު ފިލްމަށް ވާނެކަމާމެދު ކާއްޓޭއާއި އޭނާގެ ޓީމަށް ސުވާލެއް ނެތެވެ. އެކަމާ މެދު އެ ޓީމުގެ ޔަގީންކަން ވެސް ބޮޑެވެ.

އޮކްޓޯބަރު މަހު ފ. ނިލަންދޫ އާއި ފ. ފީއަލީގައި ޝޫޓު ކުރި މި ފިލްމުގައި ފިލްމީ ދާއިރާއަށް އާ އެތައް މޫނެއް ފެންނާނެއެވެ. މި ފިލްމުގެ ބައެއް މަންޒަރުތައް ކ. ހުރާގައި ވެސް ނަގައިފައި ވެއެވެ. މުޅި ފިލްމުގެ ޝޫޓިންތައް ނިންމައިލެވިފައިވަނީ 15 ދުވަހުގެ މަސައްކަތުންނެވެ.

ވަނާޖުބޭސާގެ ޝޫޓިންގެ ތެރެއިން --

ވަނާޖުބޭސާގެ ޓީމުން ނިލަންދުއަށް ދިޔައީ ތިން އެކްޓަރުންނާއެކުއެވެ. ފިލްމުގައި އުޅޭ އެހެން ހުރިހާ އެކްޓަރުންނަކީ އެ ދެ ރަށުގެ މީހުންނެވެ.

"މި ފިލްމުގައި ވަރަށް ރިސްކީ ސީންއެއް ހިމެނޭނެ. [ އެ ސީން] ކުޅުނުއިރު ތިން ސޭފްޓީ ސުޕަވައިޒަރުންނާއި ހަތް ސެކިއުރިޓީ ސުޕަވައިޒަރުންނާއި ދެ ކެރޭނު އޮޕަރޭޓުން ތިބޭނެ އެ ތަނުގައި،" ކާއްޓޭ ބުންޏެވެ.

"އެ ސީން އެކަނި ބަލާލިޔަސް އެކަނި އެނގޭނެ ވަނާޖުބޭސާއަކީ ކިހާވަރެއްގެ ފިލްމެއްކަން،"

މި ފިލްމުގެ ލީޑް އެކްޓަރުންނަކީ ކާއްޓޭ އާއި މަޓޭގެ އިތުރުން، ހާދަރު ފިލްމުން މަޝްހޫރުވި މުހައްމަދު ސައީދު (ނިޔައްޓޭ) އެވެ.

ވިއްޓެގެ މޮޅު އުފެއްދުމެއް!

މި ފިލްމަކީ ޕްރޮޑަކްޝަން ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހުރި، ވިޝާލް ޒަކީ (ވިއްޓެ)ގެ އުފެއްދުމެކެވެ. ކާއްޓޭ ބުނިގޮތުގައި އޭނާ މި ދާއިރާއިން މީހުންނަށް ދައްކަން އެންމެ ބޮޑު މަސައްކަތެއް ކޮށްދިނީ ވިއްޓެއެވެ.

"މި ފިލްމުގެ ޕްރޮޑިއުސަރ، ޑައިރެކްޓަރ، އެޑިޓަރ، ކެމެރާމަން އަދި ރައިޓަރަކީ ވެސް ވިއްޓެ. ކޮންމެ ކޮންމެ މީހަކަށް މި ކަމެއް ނުވާނެ. ވިއްޓެއަކީ ހުރި ގޮތަށް ހުރި ޓީމެއް،" ކާއްޓޭ ބުންޏެވެ.

ވިއްޓެ ބުނީ ކާއްޓޭމެންނާއެކު މި މަސައްކަތް ކުރަން ނިންމީ، އެ މީހުންނާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަވުމުން ކަމަށެވެ. ކާއްޓޭއަކީ ޑައިލޮގު ކިޔުމާއި ޕަންޗް ލައިންތަކުން ކޮމެޑީގައި ރާއްޖޭގައި ހުރި އެންމެ ކޮމީޑިއަންކަަމަށް ވިއްޓެ ގަބޫލުކުރެއެވެ.

ވިއްޓެ ބުނި ގޮތުގައި ސްޓޯރީ ޑިވަލޮޕް ކުރަން ހޭދަވީ މަހެއްހާ ދުވަހެވެ. އަދި އެ ލިޔެ ނިންމާލީ ދެ ހަފުތާއިން ކަމަށެވެ.

"ކޮމެޑީ މި އަންނަނީ ލިޔެފައި ހުރި ބަލައިގެން ކީމައެއް ނޫން. އެ ގަޑީގައި އޭނާގެ ބޮލަށް އެ އަންނަ މަޖާ އެއްޗެއް ކީމަ މާ މަޖާ އަސްލު،" ވިއްޓެ ބުނެލިއެވެ.

ވިއްޓެގެ ޕްރޮޑަކްޝަންތަކުގެ ތެރޭގައި "ކުރުކޮށް ފޮނިކޮށް" ، "ކާއްޓޭ ޝޯވ" ، "ކާލާމަންނަ ލަވަ" ، "ފަސްދީފައި ދާތީ" ހިމެނެއެވެ. އަދި އޭނާއަކީ ފްރެންޗައިޒް ޝޯވ، މޯލްޑިވިއަން އައިޑަލްގެ ރިއަލިޓީ ޕްރޮޑިއުސަރއެވެ.

ވަނާޖުބޭސާގެ ބެކް މިއުޒިކް ހަދައިދީފައިވަނީ ހާދަރު ފިލްމުގެ ބެކް މިއުޒިކް ވެސް ހަދައިފައިވާ، ފަތުހުﷲ ޝަކީލްއެވެ. ލަވަތައް ކިޔައިދީފައިވަނީ މުހައްމަދު މައިސާން (ބޮކިޓޯޒް)އެވެ.

ވަނާޖުބޭސާގެ ޓިކެޓުތައް ދަނީ ހުސްވަމުންނެވެ. ވަންނަން ބޭނުންނަމަ އަވަހަށް ޓިކެޓު ނަގަން ދިއުމަށް ވަނާޖުބޭސާ ޓީމުން އެދެއެވެ. މާލޭގެ ހަ ޝޯވްގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުގައި ވެސް މި ފިލްމު އަޅުވާނެ ކަމަށް ވަނާޖުބޭސާ ޓީމުން ބުނެއެވެ.

ސުވާލަކީ މިއެވެ. ތިން މިނެޓުން ދިވެހީން ހެއްވައިލަދޭ ކާއްޓޭ އާއި މަޓޭއަށް، ވަނާޖުބޭސާއިން މުޅި އޮލިމްޕަސް ހެއްވައިލަދެވޭނެ ތޯއެވެ؛ ޖަވާބު ލިބޭނީ ޓިކެޓު ނަގައިގެން އޮލިމްޕަހަށް ދިއުމުންނެވެ.