22 Apr 2012, 21:04
ދިރާގުގެ ސަބްމެރީން ކޭބަލަށް ދިމާވި މައްސަލައާ ގުޅިގެން އިންޓަނެޓް ލިބުމުގައި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެދެވޭ ރަނގަޅު ބަލަދެއް ކަސްޓަމަރުންނަށް ދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިއަދު ހަވީރު ޓުރޭޑާސް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ ސަބްމެރިން ކޭބަލް ހަލާކުވެގެން އިންޓަނެޓްގެ ހިދުމަތްތަކަށް ބުރޫއެރުމާ އެކު ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެއަށް ފަހު ކަސްޓަމަރުންނަށް ދެވެން އޮތް އެންމެ ރަނގަޅު ބަދަލެއް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން މި މައްސަލައިގައި. އަޅުގަނޑުމެން މިދަނީ އިތުރުގޮތްތައް ހޯދައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން. އެގޮތުން މިހާރުވެސް ފުރަތަމަ ދުވަހާ އަޅާބަލާފައި ކެޕޭސިޓީ ވަނީ އިތުރުކުރެވިފައި،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ސެޓަލައިޓް ސާކިއުޓް ވެސް ބޭނުން ކުރަމުން އަންނަ ކަމަށާއި އިތުރުގޮތް ގޮތުންވެސް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުންފުނީގެ ސީއޯ އިސްމާއިލް ޝަފީއު މިއަދު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ކޭބަލް މަރާމާތުކޮށް ކުރިއެކޭވެސް އެއްގޮތަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ކޭބަލް މަރާމާތުކުރާ ބޯޓް އަންނަ އަންގާރަ ދުވަހު ކޭބަލް ހަލާކުވެފައިވާ ސަރަހައްދަށް ގޮސް މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ.
ދިގުމިނުގައި ގައިގަޑަކަށް 1000 ކިލޯމީޓަރު ހުންނަ ކަނޑުގެ 40 މީޓަރު އަޑިން އަޅާފައިވާ ކޭބަލް ހަލާކުވީ ދިރާގުން ބުނީ ބޯޓެއްގެ ނަގިއްޔަކުން ޖެހިގެން ކަމަށް ބެލޭވޭ ކަމަށެވެ. ދިރާގުގެ ޑައިރެކްޓާ ނެޓްވޯކު އުމެއިރު ޝާފިއު މިއަދު ވިދާޅުވީ ކޭބަލް އެތެރޭގައިވާ ފައިބާ ޑެމޭޖު ވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މައްސަލަ ދިމާވީ ލަންކާއާ ގާތްގަނޑަކަށް 26 ކިލޯމީޓަރު ބޭރުން ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހުގެރޭ 9:30 އެހާކަން ހާއިރު ކުއްލިގޮތަކަށް އިންޓަނެޓްގެ ހިދުމަތް މެދުކެޑުމަށް ފަހު އޭގެ ގަޑިއެއްހާއިރު ފަހުން ހިދުމަތް ލިބުނު އިރު އިންޓަނެޓް ލިބުމުން އައީ ވަރަށް ދަށް ސްޕީޓެއްގަ އެވެ. އަދި ބޭރުގެ ސައިޓްތަކަށް އެއްގޮތަކަށްވެސް ނުވެދެވުނެވެ.