14 Apr 2023, 11:33
ޒުވާން ޕްރޮޑިއުސަރު ރިއާ ކަޕޫރު އަދި އެކްޓާ ކަޕޫރު ގުޅިގެން އުފައްދާ ފިލްމު "ދަ ކްރޫ"އަށް ކަޕިލް ޝަރްމާ ސޮއިކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމުގައި ކަޕިލް ކުޅެން ހަމަޖެހިފައިވާ ރޯލާބެހޭ ތަފްސީލު ކަށަވަރުނުވިނަމަވެސް ކަޕިލް ކުޅެން ހަމަޖެހިފައިވަނީ ފިލްމުގެ ވަރަށް މުހިއްމު ރޯލެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމަކީ، ބޮލީވުޑްގެ އެންމެ ފުންނާބުއުސް ބަތަލާއިންތަކެއް ހިމަނައިގެން އުފައްދާ ފިލްމެކެވެ. އޭގެތެރޭގައި ބަތަލާ ކަރީނާ ކަޕޫރު ޚާން، ތައްބޫ އަދި ކްރިތީ ސެނޮން ހިމެނެއެވެ.
ދިރިއުޅުމުގައި ދިމާވާ ތަފާތު ގޮންޖެހުންތަކާ ވަރަށް ކެރިގެން ކުރިމަތިލާން ކެރޭ އަންހެނުންތަކެއްގެ ދިރިއުޅުން ފިލްމުން ދައްކުވައިދޭނެއެވެ. މިއީ ރިއާ ކަޕޫރުގެ ފުރަތަމަ ފިލްމު "ވީރޭ ދި ވެޑިންގް"އަށްފަހު ޕްރޮޑިއުސަރު މަސައްކަތް ކުރާ ދެވަނަ ފިލްމެވެ.
ފުރަތަމަ ފިލްމުގެ މުހިއްމު ރޯލް ކަރީނާ ކަޕޫރު ކުޅުނުއިރު މި ފިލްމު ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާނެކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ. ހެއްވާ މަޖާ ޝޯވްތައް ހުށަހަޅައިދޭ ކޮމޭޑިއަން ކަޕިލް ޝަރްމާ ވަރަށް އަވަހަށް ފިލްމުގައި އޭނާ ކުޅޭ ރޯލްގެ ޝެޑިއުލް ފަށާނެކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ކަޕިލް ކުޅޭ މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ އިންޑިއާއިން ބޭރު ޤައުމެއްގައެވެ.
މި ފިލްމަށް ކަޕިލް ސޮއިކުރިކަމުގެ ޚަބަރު ކަށަވަރުވެއްޖެނަމަ ފިލްމުވެގެންދާނީ ކަޕިލްގެ ހަތަރު ވަނަ ބޮލީވުޑް ފިލްމަށެވެ. މީގެކުރިން ކަޕިލް ފެނިފައިވާ ފިލްމުތަކުގެތެރޭގައި، "ކިސް ކިސްކޯ ޕިޔާރް ކަރޫ"، "ފިރަންގީ" އަދި ދާދިފަހުން ރިލީޒްވި ފިލްމު "ޒްވިގާޓޯ" ހިމެނެއެވެ. ޓެލެވިޒަން ޝޯވް 'ދަ ކަޕިލް ޝަރްމާ' ޝޯވްއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކޮމޭޑިއަން ވަނީ ނެޓްފްލިކްސްއާ ގުޅިގެންވެސް ކޮމެޑީ ސްޓޭންޑް އަޕް ޝޯވްއެއް ގެނެސްދީފައެވެ. މި ޝޯވްއަށް ދީފައިވާ ނަމަކީ "އައި އެމް ނޮޓް ޑަން ޔެޓް"އެވެ.