ކުޅުދުއްފުށި ސިޓީގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު މިރޭ ހަމަވާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން ކުޅުދުއްފުށީގައި ބާއްވާ އެ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ ހަ ވަނަ ދުވަހުގެ. އެ ދުވުމުގައި ރެޖިސްޓާ ވުމުގެ ސުންގަޑިއަކީ މިރޭ 11:59އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފަން ރަން އަކީ މިއަހަރު ހދ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް ވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫއިން ބުނެއެވެ.

މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ ކުދިންނާއި މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، އެ ސަރަހައްދެއްގައި ބަހައްޓާފައިވާ ސްޓޭޝަންތަކުގައި، ކުލަ ޖެހުމުގެ އިތުރުން ފެން ޖެހުން ފަދަ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި ވެސް ދުވެފައި ވެސް ރޭސް ނިންމި ދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

މިދިޔަ އަހަރު އުރީދޫއިން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ފަން ރަން އަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ. އެގޮތުން މި ހަރަކާތްތަކުގައި 5000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.