13 Apr 2023, 22:32
ޕްރިންސެސް ޑަޔާނާއަށް ބޮޑުދައިތަކިޔާ، ލޭޑީ އެމީލިއާ ސްޕެންސާ ރާއްޖޭގައި ހަނީމޫން ފާހަގަކޮށް ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފިއެވެ.
އެމީލިއާ އާއި ގިނަދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބައިވެރިޔާ ގްރެގް މެލެޓްއާ ކައިވެނި ކުރީ މިދިޔަ މަހުއެވެ. ކުލަގަދަކޮށް ފާހަގަކުރި އެ މީހުންގެ ކައިވެނި ބާއްވާފައިވަނީ އެފްރިކާގެ ފަރުބަދަ މަތީ ސަރަހައްދެއްގައެވެ.
އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އެމީލިއާގެ ދެމަފިރިން ހަނީމޫން ފާހަގަކުރަން އައީ ރާއްޖެއަށެވެ. އެ މީހުންގެ ހަނީމޫން ފާހަގަކުރަމުން އަންނަނީ މޯލްޑިވްސް ކޮކޯ ބޮޑު ހިތި ރިސޯޓުގައެވެ.

އެމީލިއާއާއި ގްރެގްގެ ހަނީމޫންގެ ތެރެއިން -- ފޮޓޯ/ އިންސްޓަގްރާމް
އުމުރުން 30 އަހަރުގެ ލޭޑީ އެމީލިއާ އޭނާގެ ހަނީމޫން ފޮޓޯތައް އަންގާރަ ދުވަހު ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
އެމީލިއާ ހިއްސާކުރި ފޮޓޯތަކުގައި އެ މީހުން ރާއްޖޭގެ ގުދުރަތީ މާހައުލު ތަޖުރިބާކޮށް، މާހައުލުގެ ހިތްގައިމުކަން ދައްކުވައިދެއެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފޮޓޯތަކަކީ ސްކޫބާ ޑައިވިން ގިއާއާއެކު ނަގާފައިވާ ފޮޓޯޯއާއި އެ ދެމަފިރިން މޫދުގައި ނާސްތާ ކެއުމުގެ ތެރެއިން ނަގާފައިވާ ފޮޓޯގެ އިތުރުން ސޯލޯކޮށް ނަގާފައިވާ ފޮޓޯތަކެވެ.
އެމީލިއާގެ އެއް ޕޯސްޓެއްގެ ކެޕްޝަންގައި "ދަ ފަސްޓް ފިއު ޑޭޒް އޮފް އަވަ މެޖިކަލް ހަނީމޫން" މިހެން ޖަހާފައިވެއެވެ.
ރާއްޖެއަކީ އަލަށް ކައިވެނިކުރާ މީހުންގެ ހަނީމޫން ފާހަގަކުރަން މަޤްބޫލު މަންޒިލެކެވެ.
ރާއްޖެއަށް ވަނީ ޓްރެވަލް ޕްލަސް ލެއިޝާ މެގަޒިންގެ އިންޑިއާސް ބެސްޓް އެވޯޑްސް 2022ގެ އިންޓަނޭޝަނަލް ކެޓަގަރީއިން "ބެސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން"ގެ އެވޯޑު ވެސް ލިބިފައެވެ.

އެމީލިއާ އާއި ގްރެގްގެ ކައިވެނީގެ ތެރެއިން -- ފޮޓޯ/ އިންސްޓަގްރާމް
އެމީލިއާގެ ދެމަފިރިންގެ ހަނީމޫން ފަދައިން ކައިވެނި ކޮށްފައިވާ ތަނަކީ ވެސް ވަރަށް ޚާއްސަ ތަނެކެވެ. އެއީ އޭނާގެ ކުޑައިރުގެ ބޮޑު ބައެއް ހޭދަކުރި ދެކުނު އެފްރިކާގެ ސަރަހައްދެކެވެ.
"މިތަނުގައި ކައިވެނި ކުރުމަކީ އަހަންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް އަދި ވަރަށް ޚާއްސަ ކަމެއް،" އެމީލިއާ ހެލޯ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.