ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭގެ ރައްޔިތުންނަށް ބަހަން ހަދިޔާކުރި 30،000އަށް ވުރެ ގިނަ ކާށީގެ ތެރެއިން ގާތްގަނޑަކަށް 15،000 ކާށި، މިއަދުގެ 03:00އާ ހަމައަށް ބަހާ ނިމިފައި ވާކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް "ސަން"އަށް ވިދާޅުވީ ކާށި ބެހުމުގެ ހަރަކާތް ވަރަށް ފުރިހަމައަށް ކުރިއަށް ދާކަމަށެވެ. އަދި ގަޑި އިރެއްގެ ތެރޭގައި 5000އާއި 6000އާ ދެމެދުގެ އަދަދަކަށް ކާށި ދޫކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރޭޓުން ދަންޏާ ހަފުތާއެއް ތެރޭ ކާށި ބަހާ ނިމޭނެކަމަށް ލަފާކުރެވެނީ. ވަރަށް ބާރު މިނުގަ ހަމަ މި ހަރަކާތް މި ކުރިއަށް ދަނީ،" އޭނާ ވިދާޅުވިއެވެ.

ކާށި ބަހަން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އުއްޗުގެ ފަރާތުން މާލޭ ރައްޔިތުންނަށް ބަހަން އިތުރު ކާށި ސިޓީ ކައުންސިލާ ހަވާލުކުރުން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އަންނަ އާދިއްތަ ދުވަހާ ހަމައަށް ކާށި ބަހާނީ އިސްލާމިކް މިނިސްޓްރީގެ ދަފުތަރުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. ސިޓީ ކައުންސިލުން ވަނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހެއްކަން އެނގޭނެ ފަދަ ލިޔުމެއް ގެންނަން އެދިފައެވެ.

ހޯމަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވައިލައިގެން ހުރިހާ ދިވެހިންނަށް ކާށި ބަހާނެއެވެ. ކާށި ޕެކެއް ބަލައި އަންނައިރު އައިޑީ ކާޑު ގެނައުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.

ކާށި ބެހުން ކުރިއަށް ދާނެ ތަނާއި ވަގުތު:

  • މާލެސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭބައި/ތައިސޭކޮށި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 13:30 އަށް، އަދި ރޭގަނޑު 21:30 އިން 23:30 އަށް

މުހައްމަދު މޫސާ އެ ކާށި ހަދިޔާކުރައްވާފައި ވަނީ، ރާއްޖޭގެ ގިނަ ރުށްތަކަކަށް ބަލި ޖެހި، ދިވެހި ކާށި ލިބުން އިންތިހާއަށް ދަތި ދަނޑިވަޅެއްގައެވެ.