13 Apr 2023, 13:39
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ހިންގަން 2017ވަނަ އަހަރު ހަވާލުކުރި އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއެން)އާ ދެމެދު ކުރެވުނު އެއްބަސްވުން އުވާލުމުގެ ސަބަބުން، ބަދަލެއްގެ ގޮތުގައި 29 މިލިއަން ރުފިޔާ ދީފައިވާކަން އޮޑިޓް ރިޕޯޓުން އެނގިއްޖެއެވެ.
އެންއައިއައި އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގި މުއްދަތުގައި ހިންގި މުއާމަލާތްތަކާ ބެހޭ ގޮތުން އޮޑިޓާ ޖެެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން އެންއައިއައިއާ ހަވާލުކޮށްފައިވަނީ ހެލްތު މިނިސްޓްރީ އިން 20 ޖޫން 2017 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން 50 އަހަރުގެ މުއްދަތަކަށް ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެންއައިއައިއާ ހަވާލުކުރީ ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނަމަވެސް، ހެލްތް މިނިސްޓްރީއާ ދެމެދު ވި އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް އެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުނިން ކޮށްފައި ނުވެއެވެ.
މީގެ ސަބަބުން 2017ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.
މީގެ ފަހުން ޖެހިގެން އައި 2018ވަނަ އަހަރު، މިނިސްޓްރީ އޮފް ހެލްތުން އެންއައިއައިއާ އެއްކޮށް ބައްދަލުކޮށް އެ ކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން، 2019ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެންއައިއައި އިން ދިން ޚިދުމަތްތަކަށް އާސަންދައަށް ބިލްކޮށްފައިވާ ފައިސާ އަދި އެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ހޯދާފައިވާ އިކުއިޕްމެންޓް އަދި މެޝިނަރީތަކުގެ އަގަށްވާ ފައިސާ ބިލުކޮށް، އެއްބަސްވުން ވަނީ އުވާލައިފައެވެ.
މި އެއްބަސްވުން އުވާލުމަށް ފަހު 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސެޓްލެމްންޓް އެގްރީމެންޓެއްގައި މިނިސްޓްރީ އޮފް ހެލްތުން އެންއައިއައި އާ އެކު ސޮއި ކުރިއެވެ.
ބަދަލެއްގެ ގޮތުގައި 29 މިލިއަން ރުފިޔާ ދެއްކި
މި ސެޓެލްމެންޓް އެއްބަސްވުމުގެ ދަށުން އާސަންދައިން އެންއައިއައިއަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާއިރު، އިތުރު އިކުއިޕްމެންޓްތަކަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކައިފައެވެ.
މީގެ އިތުރުން، އެންއައިއައި އިން ހިންގި މުއްދަތުގައި މެޑިކަލް ކޮންސިއުމަބަލްސް އާއި ހޮސްޕިޓަލަށް ގެނައި ބިދޭސީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދުތަކަށް އެ ކުންފުނިން ދެއްކި ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް މިނިސްޓްރީ އޮފް ހެލްތުން ވަނީ އެންއައިއައިއަށް ދައްކާފައެވެ. މި ހުރިހާ ޚަރަދެއްގެ ޖުމްލަ 29 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ.
މިނިސްޓްރީ އިން ވަނީ އެ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ތެރޭގައި މި ހުރިހާ ފައިސާތައް އެންއައިއައިއަށް ދައްކައިފައެވެ.
ސެޓެލްމެންޓް އެއްބަސްވުމުގެ ދަށުން 29 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެންއައިއައިއަށް ދެއްކި ނަމަވެސް، އިތުރު 157 ބިލަށް ވާ 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެންއައިއައިއަށް ނުދައްކާ ހުރިކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި، އެ ބިލްތަކުގެ ތެރެއިން 30 ބިލަކަށްވާ 135،434 ރުފިޔާގެ މުދަލާއި ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ލިބުނުކަން ޔަގީން ނުވާ ކަމަށް އެ އޮޑިޓް ރިޕޯޓުގައި ވެއެވެ.
ހެލްތް މިނިސްޓްރީ އިން 2019ވަނަ އަހަރު އެއްބަސްވި ސެޓެލްމެންޓް އެއްބަސްވުމުގެ ސަބަބުން އެންއައިއައި އިން އެހެނިހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާއަށް ވެސް ޒިންމާ ވާން ނުޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ ސަބަބަކީ ސެޓެލްމެންޓް އެއްބަސްވުން ތަންފީޒުކޮށް ނިމުމުން، އެންއައިއައި އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ވެވުނު އެއްބަސްވުމުގެ ދަށުން އުފުލަން ޖެހުނު ޒިންމާތަކާއި އަދި މުސްތަގުބަލުގައި އުފުލަން ޖެހިދާނެ ޒިންމާތައް ކެނޑޭނެކަމަށް ބަޔާންކޮށްފައިވުމުން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެންއައިއައި އަކީ އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުންޏަށް ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމަށް ހަވާލުކުރީ، އެ ހޮސްޕިޓަލަށް ލިބޭ ސާފު ފައިދާގެ 30 ޕަސެންޓް ދިވެހި ސަރުކާރަށް ލިބޭ ގޮތަށެވެ.