13 Apr 2023, 11:49
އެފްކޮންސް އިންފްރާސްޓްރަކްޗާ ވިއްކާލިޔަސް، އޭގެ ސަބަބުން ރާއްޖޭގައި އެކުންފުނިން ހިންގާ ޕްރޮޖެކްޓްތަކަށް އަސަރު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ދުނިޔޭގެ ބޮޑެތި ހޯލްޑިން ކުންފުނިތަކުން، އެކުންފުނީގެ ދަށުން ހިންގަމުން އަންނަ ސަބްސިޑަރީ ކުންފުނިތަކާއި އެސެޓުތައް ވިއްކުމަކީ ޢާންމުކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކުންފުންޏަކުން ހިންގަމުން އަންނަ މަޝްރޫއުތަކަށް ބުރޫނާރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
މީގެ މިސާލެއްގެ ގޮތުން މިއުވާން ވަނީ ޓީއެމްއޭ ނަންގަވައި، ޓީއެމްއޭ ވެސް އެތައް ފަހަރު ވިއްކާލާފައިވާ ކަން ފާހަގަކުރައްވާފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
"ޓީއެމްއޭ ވެސް މިހާރު އެތައް ފަހަރަކު ވިއްކާލައިފި. އެކި ފަހަރު އެކި ޝެއާ ހޯލްޑަރުން. ދާދި ފަހުން ކަންނޭނގެ އެކުންފުނި [އެހެން ކުންފުންޏަކުން] ގަތީ. [އެކަމަކު] ޓީއެމްއޭގެ އޮޕަރޭޝަނަކަށް އެއްވެސް ބުރައެއް ނާރާ،" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ އެބީދާއިން އެފްކޮންސްގެ ހިއްސާ އެހެން ކުންފުންޏަކުން ގަތުމަކީ، އެފްކޮންސް އާއި ރާއްޖޭގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަށް ލޮޅުމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.
މިއުވާން ވިދާޅުވީ ބައެއް ސިޔާސީ އަދި އިގްތިސާދީ ބޭފުޅުން އެނގިތިބެ، ރައްޔިތުންނަށް މިކަމުގައި އޮޅުވާލަމުން ގެންދާ ކަމަށެވެ.
"ދެން އެގޮތަށް [އެފްކޮންސް ގެ މަޝްރޫއުތައް ހުއްޓޭނެ ކަމަށް] ދައްކަން ބައެއް ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވަފާނެ. ދެން އަޅުގަނޑު ފާހަގަކޮށްލަން އިގްތިސާދީ ދާއިރާގެ ބައެއް ބޭފުޅުން ވެސް އެގޮތަށް ވާހަކަ ދައްކަވާއިރު، ކުންފުނިތަކުގެ އެންމެ ބޭސިކްސް ހެން އަޅުގަނޑަށް ހީވަނީ [މިއީ]. އެނގިވަޑައިގެން ތިއްބަވާ ރައްޔިތުންނަށް އޮޅުވާލައްވަން ކުރައްވާ މަސައްކަތް މިއީ،" މިއުވާން ވިދާޅުވިއެވެ.
އެފްކޮންސް ވިއްކާލަން ނިންމާފައިވަނަީ އެކުންފުނީގެ މައި ކުންފުނި، ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ)އަށް ވަރަށް ބޮޑަށް މާލީ ތާށިކަން ކުރިމަތިވެ، އެކުންފުނީގެ ދަރަނިތައް ދެއްކުމަށެވެ.
މިކަމުގެ ތެރެއިން އެ ކުންފުނީގެ ދެ ބިލިއަން ޑޮލަރުގެ އެސެޓު ވިއްކާލައި، ހިއްސާގެ ބައެއް ދޫކޮށްލުމުގެ މަޝްވަރާތަކެއް މިހާރު ފަށާފައިވާއިރު، އޭގެ ތެރެއިން އެފްކޮންސް ވިއްކާލަން ވެސް ވަނީ ނިންމާފައެވެ.
އެފްކޮންސްއިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ، ބްރިޖަށް ހޭދަކުރާ 8.2 ބިލިއަން ރުފިޔާއާއި އައްޑޫ މަގުތައް ހެދުމަށް ހޭދަކުރާ 1.1 ބިލިއަން ރުފިޔާއެވެ.
އެސްޕީއަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލު ހޯދުމަށް މިދިޔަ އަހަރު އެ ކުންފުނިން ވަނީ 536 މިލިއަން ޑޮލަރުގެ، ޕިއުރިފަޔާ އުފައްދާ ކުންފުނި، ޔުރެކާ ފޯބްސް ލިމިޑެޓް ވެސް ވިއްކާލައިފައެވެ. އެ ކުންފުނި ވިއްކާލުމަށް ފަހު އެސްޕީއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިފައެވެ.