ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންޓަނަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ނަޝީދު އެމެރިކާއަށް ފުރައިވަޑައިގަތީ އިއްޔެއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އިއްޔެ އިން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ނަޝީދު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ, އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބްލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބްލް 20 (ވީ 20)ގެ މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ވަލްނަރަބަލް ޓްވެންޓީ (ވީ 20)ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަ ފޯ ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންއިން ހާއްސަ
ދައުވަތުގެ ސިޓީފުޅެއް ނަޝީދަށް ފޮނުއްވާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެގޮތުން، ނަޝީދުގެ މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ, ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)އިންނެވެ.

މި ބައްދަލުވުމުގެ މިފަހަރުގެ ޝިޢާރަކީ "ފްރޮމް އަކްރާ ޓު މަރަކެޝް: އެޑްވޮކޭޓިން ފިޓް-ފޯ- ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗަ އެންޑް ޑިވެލޮޕްމަންޓް ޕޮޒިޓިވް ކްލައިމެޓް އެކްޝަން"އެވެ.

ނަޝީދުގެ މި ދަތުރުފުޅުގައި އައިއެމްއެފް އާއި ވޯލްޑް ބޭންކް އަދި
ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.