13 Apr 2023, 10:33
އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މުޒާހަރާގެ ބައިވެރިން ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސްއަޅާތީ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ މުޒާހަރާގެ ބައިވެރިއަކު، އެމްޓީސީސީގެ ބަހަކަށް ހުރަސްއަޅައިގެން ކުރިމަތީގައި ހުއްޓިގެން ހުންނަ ވީޑިއޯއެއް އާއްމު ފަރާތަކުން ރޭ ވަނީ މީސްމީޑިއާގައި އާއްމުކޮށްފައެވެ.
އެ ވީޑިއޯ ރީޓުވީޓް ކުރައްވައި، އާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތެއް ކަމަށެވެ. އެ ގޮތަށް އިދިކޮޅުން ކަންތައް ކުރުމަކީ އާއްމު ކަމެއް ކަމަށާއި އެގޮތަށް އަމަލުތައް ބަހައްޓާތީ، ރައްޔިތުން ގަޑިއަށް ގެންދިއުމަށް އެމްޓީސީސީއަށް ވަރަށް ދަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގަ ތިޔަ އުނދަގޫކުރައްވާ ބޭފުޅާގެ ގާތްތިމާގެ މީހެއް އަދި، ރަހުމަތްތެރިއެއް ވެސް އިނދެދާނެ،" އޭނާ ވިދާޅުވިއެވެ.
Mee mihaaru aammukoh ebeyfulhun kurahvaa kameh. Raiyyithun gadithakah than thanah gendhiyumah@MTCCPlcah varah dhathivey migothah amal kurahvaathee. Public transport ah huras neylhumah edhen.@PoliceMvmikalaha naa thauzeebu kanthah kuraa beylhun islaahu kohdhehvaa.https://t.co/F6O21RK7ZB
— Adam Azim (@adamazim)April 12, 2023
އާޒިމް ވަނީ ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސްނޭޅުމަށް ގޮވާލައްވައިފައެވެ. އަދި، އެފަދަ "ނާތަހުޒީބު" އަމަލުތައް ކުރާ މީހުން އިސްލާހުކުރުމަށް އެނާ ވަނީ ފުލުހަށް ގޮވާލައިފައެވެ.
މީސްމީޑިއާގައި އާއްމުކޮށްފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގައި މުޒާހަރާގެ ދެ ބައިވެރިން، ޕީޕީއެމްގެ ދިދަ ހިފައިގެން ބަހެއްގެ ކުރިމަތީގައި ހުއްޓި ހުންނަތަން ފެނެއެވެ. އަދި އެ ބަހަށް އިތުރަށް ކުރިއަށް ނުދެވޭ ގޮތަށް ބަހުގެ ކުރިމަތީގައި ހުއްޓިގެން ހުންތަން ފެނެއެވެ. އޭގެ ސަބަބުން، އެ ބަހަށް ކުރިއަށް ނުދެވިގެން މަޑުކޮށްގެން އޮންނަން ޖެހުނެވެ.
މި ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި ކަމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި، ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ގޮވާލައި، އިދިކޮޅުގެ މި އަމަލަކީ ނާތަހުޒީބު އަދި ފިނޑި އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
@ElectionsMv@FuwadThowfeek@HomeMinistrymv@PoliceMvmi ee sulha veri siyaasee harakaatheh tho noonee aanmu undhaguleh tho?https://t.co/cyusFwKd7Q
— Mohamed Haris (@haaribe)April 13, 2023
މީގެ އިތުރުން މުޒާހަރާ ކުރުމުގެ ނަމުގައި އާއްމު ރައްޔިތުންނަށް "ދުއްތުރާ" ކުރުން ބަލައެއް ނުގަނެވޭ ކަމަށާއި ޕާޓީގެ ލީޑަޝިޕުން މިއަށްވުރެ ޒިންމާދާރުވެ، މިފަދަ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.
އިދިކޮޅުން މިހާރު ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ. މި މުޒާހަރާތަކުގައި ބޮޑުތަކުރުފާނު މަގުން، ޕީޕީއެމް އޮފީސް ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވެ، އާއްމު ފަރާތްތަކަށް ދަތުރުކުރަން އުނދަގޫތައް ކުރިމަތިވާ ވާހަކައަކީ އާއްމު ޝަކުވާއެކެވެ.