ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކުރިހޯދައި އެ މުބާރާތުގެ ސެމީ ފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

ރޭ ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 21ވަނަ މިނެޓުގައި ރެއާލްއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ރެއާލްގެ ވިނީޝިއަސް ޖޫނިއާ ނެގި ހުރަހެއް ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކަރީމް ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 74ވަނަ މިނެޓުގައި ރެއާލުން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ޗެލްސީގެ އޭރިއަ ތެރެއިން ވިނީޝިއަސްއަށް ލިބުނު ބޯޅަ އޭރިއާ ބޭރުގައި ހުރި އެސެންސިއޯއަށް ޖައްސާލުމުން އޭނާ ވަނީ އެ ބޯޅާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފައެވެ.

އެ މެޗުގައި ޗެލްސީއަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ރެއާލްގެ ހާފު މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ ކީޕަރު ތިބައު ކޯޓުއާއެވެ.

އެ މޮޅާ އެކު ރެއާލް ޗެމްޕިއަންސް ލީގު ސެމީއާ ފިޔަވަޅެއް ގާތަށް ޖެހިލާފައިވާއިރު ސެމީގެ ޖާގަ ކަށަވަރު ވާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައި ކުޅޭ ކުއާޓާގެ ދެވަނަ ލެގުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.