މިދިޔަ އަހަރު ރިލީޒްވި އެކްޓަރު ވަރުން ދަވަން އަދި ބަތަލާ ކްރިތީ ސެނޮންގެ ފިލްމު "ބޭޅިޔާ"ގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވާކަމަށް ވަރުން ދަވަން ބުނެފިއެވެ.

ފިލްމުގެ ޕޯސްޓަރާއެކު ވަރުން ދަވަން މިޚަބަރު މީޑިއާތަކާ ހިއްސާކުރީ ޖިއީ ސްޓޫޑިއޯސްއިން ކުރިޔަށް ގެންދިޔަ އިވެންޓެއްގައެވެ. ޖިއޯ ކުންފުނީގެ ކުރިޔަށްހުރި ފިލްމުތަކާބެހޭ މަޢުލޫމާތު މީޑިއާއާއި ހިއްސާކުރުމަށް ބޭއްވުނު މި އިވެންޓުގައި މިފިލްމު އިއުލާނުކުރީ ވަރުންގެ ހާއްސަ ރެޕް ލަވަޔަކާވެސް އެކުގައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްވި މި ފިލްމަކީ، ޖިއޯ ސްޓޫޑިއޯސްއާއި މެޑްޑޮކް ފިލްމްސް ގުޅިގެން ގެނެސްދިން ހޮރޯ ކޮމެޑީ ފިލްމެކެވެ. އަމަރް ކޯޝަކް ޑައިރެކްޓްކުރި މި ފިލްމުގެ ޕްރޮޑިއުސްކޮށްފައިވަނީ ދިނޭޝް ވީޖަންއެވެ. ބޮކްސް އޮފީހުގައި ފިލްމު މާބޮޑަށް ނުހިނގިނަމަވެސް ފިލްމު އުފެއްދުމަށް ޚަރަދު ފޫބެއްދުނުކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމަކީ ވަރުންގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުޅުނު ފިލްމުތަކުގެތެރެއިން ވަރަށް ބުރަކޯށް މަސައްކަތްކުރަން ޖެހުނު ފިލްމެކެވެ. ފިލްމު ސިނަމާއާ ހަމައަށް ގެނައުމަށްވެސް ހުރަސްތަކެއް ދިމާވިއިރު ފިލްމުގައި ވަރުން ކުޅޭ ރޯލަށް ތައްޔާރުވުމުގެގޮތުން އެކްޓަރުވަނީ ހަށިގަނޑަށްވެސް ބޮޑު ބަދަލެއް ގެނެސްފައެވެ.

"ބޭޅިޔާ"ގެ ސީކުއަލްގެ ޕްރޮޑަކްޝަން ޓީމުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ބައިގައިވެސް ހަރަކާތްތެރިވި ފަރާތްތަކެވެ. ނަމަވެސް ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނީ ކޮން ފިލްމީ ތަރިއެއްކަން އަދި ކަށަވަރެއް ނުވެއެވެ. އެކްޓަރު ވަރުން ދަވަން އިތުރު ފިލްމެއް އިއުލާނުކޮށްފައިވާއިރު ޑައިރެކްޓަރު ސާޖިދް ނަދިއަދްވާލާގެ ފިލްމު "ބަވާލް"އަށް ވެސް އޭނާ ވަނީ ސޮއކޮށްފައެވެ.

މިފިލްމުގެ މަސައްކަތް އަދި އޮތީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައެވެ. ފިލްމު "ބޭޅިޔާ"ގެ އިތުރުން ވަރުންވަނީ މިދިޔަ އަހަރު ރިލީޒްވި ދަރްމާ ކުންފުނީގެ ކާމިޔާބު ފިލްމު "ޖުގް ޖުގް ޖިއޯ"އިންވެސް ފެނިފައެވެ.