މި މަހުގެ 28ގައި އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރަން ތާވަލުކުރެވިފައިވާ އެމެރިކަން ވެބު ސީރީސް "ސިޓަޑެލް"ގެ އިންޑިއާ ސީރީސްއަށް އެކްޓަރު ސިކަންދަރު ޚޭރް ސޮއިކޮށްފިއެވެ. އެމެރިކަން ސައިންސް ފިކްޝަންއެއް ކަމަށްވާ މި ވެބް ސީރީސްއަކީ، މާވެލް ސިނަމެޓިކް ޔުނިވާސްގެ ދަށުން އުފެއްދި އެވެންޖާސްގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުސޯގެ އުފެއްދުމެކެވެ.

ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ކިރަން ޚޭރްގެ ދަރިފުޅު ސިކަންދަރު ހޭރްގެ އިތުރުން "ސިޓަޑެލް" އިންޑިއާ ސީރީސްގެ މުހިއްމު ރޯލްއިން އެކްޓަރު ވަރުން ދަވަން އަދި ބަތަލާ ސަމަންތާ ރުތް ޕްރަބޫ ފެންނާނެއެވެ. އިންޑިއާގައި އުފައްދާ މި ވެބް ސީރީސްގެ ޑައިރެކްޓަރުންނަކީ، އެމޭޒަން ޕްރައިމްގެ ކާމިޔާބު ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ ރާޖް އަދި ޑީކޭއެވެ. ސިކަންދަރު ހޭރް ހިންދީ ވާޝަން "ސިޓަޑެލް"އާ ގުޅިފައިވާއިރި މިސީރީސްގެ ރޯލުތަކަށް އިތުރު ތަރިން ކާސްޓުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ސިކަންދަރުވަނީ ދާދިފަހުން އިންޑިއާގައި ބޭއްވި "ސިޓަޑެލް"ގެ އެމެރިކަން ވެބް ސިރީސް ޕްރިމިއާކުރި ހަފްލާގައި ވެސް ބައިވެރިވެފައެވެ. "ސިޓަޑެލް"ގެ ހިންދީ ސީރީސްއިން ސިކަންދަރަށް ލިބުނީ ކޮންކަހަލަ ރޯލެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން އެކްޓަރު ސިކަންދަރު ފެނިފައިވަނީ ލީޑު ރޯލްތަކަށް ވުރެ ބޮޑަށް ފިލްމުތަކުގެ ސައިޑް ރޯލްތަކުންނެވެ.

ބައެއް ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ސިކަންދަރު ދާދި ފަހުން ކުޅުނު ވެބް ސީރީސް "އާރްޔާ"އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި ސީރީސްއެކެވެ. ބަތަލާ ސުޝްމިތާ ސެން ލީޑް ރޯލްކުޅޭ މި ސީރީސްގައި ސިކަންދަރު ފެންނަނީ ސުޝްމިތާއަށް އެހީތެރިވެ ހިމާޔަތްދިނުމުގައި ދެމިހުންނަ ފާރަވެރިއެއްގެ ރޯލުންނެވެ. ފިލްމު "ދަ ޒޯޔާ ފެކްޓަ"، "ސޫރްޔަވަންޝީ" އަދި "މޮނިކާ އޯމައި ޑާލިންގް"ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރުވަނީ "މަންކީ މޭން" ނަމުގައި އުފައްދާ އެމެރިކަން ތްރިލާއަކަށް ވެސް ސޮއިކޮށްފައެވެ.