ގާނޫނާއި ގަވާއިދުގެ އިމުގެ ބޭރުން މަސައްކަތްކުރާ ކައުންސިލްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އެލްޖީއޭގެ އޮފީހުގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ބޯޑް މެންބަރު އަހުމަދު ފައިސަލް މިއަދު ވިދާޅުވީ ގާނޫނީ ގޮތުން ލިބިދޭ އިހުތިސާސްތަކުގެ ބޭރުން ކައުންސިލްތަކުން ނިންމާނިންމުންތަކާ ގުޅޭ ގޮތުން އަޅާނެ ފިޔަވަޅުތަކާ ބެހޭ އުސޫލުތަކެއް ކަނޑައަޅައި އެލްޖީއޭގެ ބޯޑުން ފާސްކޮށްފައިވާ ކަމަށާއި މާދަމަ އިން ފެށިގެން އެ އުސޫލްތައް ކައުންސިލްތަކަށް ފޮނުވާނެ ކަމަށެވެ.

"ހާއްސަކޮށް މިއުސޫލްތައް އަޅުގަނޑުމެން އެޕްލައި]އަމަލުކުރާނީ[ ކައުންސިލްތަކާ ގުޅިގެން ހުށައަޅާ މައްސަލަތަކުގެ މައްޗަށް. ކައުންސިލްތަކުގެ މައިގަނޑު ވިސްނުމަކީ ވެސް ރޫހަކީ ވެސް ގާނޫނުގެ ތެރެއިން މަސައްކަތް ކުރުން. ގާނޫނީ ރޫހާ އެއްގޮތަށް މަސައްކަތް ކުރުން އެއްވެސް ކައުންސިލެއް ގާނޫނީ އިމުގެ ބޭރުން ނުކުމެ މަސައްކަތްކުރާ ކަމަށް ފާހަގަ ކުރެއްވިއްޖެ ނަމަ މިއަދު އަމަލުކުރެވުނު ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނަން،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ބޭރުން އަމަލު ކުރާ ކައުންސިލްތައް ފާހަގަކުރެވިފައިވާ ކަމަށާއި އަދި ޝަކުވާ ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ކައުންސިލްތަކާ މެދު މިހާތަނަށް ފިޔަވަޅެއް ނޭޅިވަނީ އެލްޖީއޭ އިން ހަދަން ޖެހޭ ޕްރޮސީޖާ ގަވާއިދު ފާސްކުރެވިފައި ނުވާތީ ކަމަށާއި އަދި އެ ގަވާއިދު މިއަދު ފާސްކުރުމާ ގުޅިގެން ހުށައަޅާ މައްސަލަތައް ބަލައި ކައުންސިލްތަކާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ގާނޫނާއި ގަޥާއިދާ ހިލާފަށް ކައުންސިލްތަކުލުން އެއްވެސް ކަމެއްކޮށްފި ނަމަ ލިޔެކިއެމުން އެކަންކަން ނުކުރުމަށް އަންގާނަން. އެހެންނަމަވެސް އެކަންކަން ކައުންސިލްތަކުން ކުރިއަށް ގެންދާ ނަމަ ދެ ވަނަ ފަހަރަށް ވެސް ކައުންސިލްތަކަށް އެންގޭޖްކުރާނަން. ކައުންސިލްތަކާ ބައްދަލުކޮށް ރައީސް ނައިބު ރައީސް ނުވަތަ މެންބަރުން ފަރާތުން ވެސް ސުވާލު އުފެދޭ ކަންކަން ބަލައި ސާފުކުރާނަން. އަދި ބަޔާން ނަގަން ޖެހިއްޖެ ނަމަ އެބޭފުޅުންގެ ބަޔާން ވެސް ނަގާނަން. އެއަށް ފަހު އެކަން އަންގާތާ ތިން ވަނަ ފަހަރަށް އިސްލާހު ނުވެއްޖެ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ހަތަރު ފިޔަވަޅަކަށް ވާނީ އެ ކައުންސިލްގެ ފައިލް ހިފައިގެން ކޯޓަށް ދިއުން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އެލްޖީއޭގެ ވިސްނުމަކީ އެއްގޮތަކަށް ވެސް ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުން ނޫން ކަމަށާއި ކައުންސިލްތަކުން ގާނޫނާ ހިލާފަށް މަސައްކަތް ކުރާ ނަމަ އިސްލާހު ކުރުމަށް މަސައްކަތްކޮށް އެކަންކަން ނުކޮށްފި ނަމަ އެކައުން ސިލެއް އުވާލުމަށް ކޯޓަށް އެ މައްސަލަ ވައްދާނެ ކަމަށެވެ.

މިހާރު ބައެއް ކައުންސިލްތަކުން ސަރުކާރު ގަބޫލު ނުކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުންނާއި އެހެނިހެން ކައުންސިލުން ވެސް ގަރާރު ފާސްކޮށްފައި ވާތީ އެކަންކަން އެގޮތަށް ނުކުރެވޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ ޔުނިޓަރީ ދައުލަތަކަށް ވުމާ އެކު ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރެއް ގަބޫލުކޮށް ސަރުކާރާ ގުޅިގެން ކައުންސިލްތަކުން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.