12 Apr 2023, 23:17
ރައްޔިތުންގެ މަޖިލީހުގައި މިނިވަންކަމާއެކު ބަސް ބުނެ ސަރުކާރު ޒިންމާދާރު ކުރެވޭނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެމްބަރަކަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަނާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މި ވަގުތު ސަރުކާރުގެ ސުޕާ މެޖޯރިޓީ އޮތް ނަމަވެސް ސަރުކާރަށް ކުރެވޭ އެއްވެސް ކަމެއް ނެތްކަމަށެވެ.
"މިނިވަންކަމާއެކީ ބަސްބުނެވޭނެ މެމްބަރަކު ހުރެއްޖެ ކަމަށްވަންޏާ މި ދާއިރާއަށް ކުރިއެރުން ލިބޭނެ. އެ މެމްބަރަކަށް ވާނީ އެމްއެންޕީގެ މެމްބަރަކު. އެމްއެންޕީއަކީ މިހާރު ސަރުކާރު ޒިންމާދާރުކުރާ އެންމެ ވަރުގަދަ އެއް ޕާޓީ،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްއެންޕީގެ މެމްބަރަކު މަޖިލީހަށް އިތުރުވެއްޖެނަމަ ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް ފުރިހަަމައަށް ކުރާނެކަމަށެވެ.
ނާޒިމްގެ ވާހަކަފުޅުގައި، އޭނާވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ގުރައިދޫގައި ހުޅުވައިފައި ހުރި ޖަގަހައެއްގައި ހަރުކޮށްފައި ހުރި އެމްއެންޕީ ކެނޑީޑޭޓުގެ ޕޯސްޓަރުތަކެއްގެ މަތީ އެމްޑީޕީގެ ކެނޑީޑޭޓުގެ ޕޯސްޓަރުތަކެއް ހަރުކުރި ކުރުން ކުށްވެރިކޮށްފައެވެ.

އެމްއެންޕީގެ ޖަގަހައެއްގައި އެމްޑީޕީ ކެނޑީޑޭޓުގެ ޕޯސްޓަރު ހަރުކުރަނީ -- ފޮޓޯ/ ސޯޝަލް މީޑިއާ
ނާޒިމް ވިދާޅުވީ އެ ތަނަކީި ރަސްމީ ޖަގަހައިގެ އިތުރަށް އެ ރަށު ޒުވާނަކު ހުޅުވި ޖަގަހައެއް ކަމަށެވެ. ނަމަވެސް އެ ތަނަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެ ކަމުން ވެސް ހާމަވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ މަސައްކަތް ކަމަށެވެ.
"ވަރަށް ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރިކުރަން މި މައްސަލަ. އެންމެނަށް ހަމަހަމަ ގޮތެއްގައި މި އިންތިޚާބުގައި ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނާޒިމް ވިދާޅުވިއެވެ.
އެއާއެކު އޭނާ ވިދާޅުވީ މިހާރު ފެންނަނީ ސަރުކާރު 'ފެއިލް'ވެފައި އޮތް މަންޒަރުކަމަށެވެ. އެގޮތުން މިހާރު ފެންނަނީ ވައުދުތައް ނުފުއްދޭ ތަނުގައި ރައްޔިތުންނަށް ހުވަފެންތައް ދައްކާ މަންޒަރުކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު މިހާރު ސުވާލު އުފެދޭކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.