ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ވެއްދި މައްސަލައިގެ ނޯޓިސް މަޖިލީހުން ޝާހިދަށް ފޮނުވައިފި އެވެ.

މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލައިގެ ނޯޓިސް މިދިޔަ ބުރާސްފަތި ދުވަހު ޝާހިދަށާއި މެންބަރުންނަށް ވަނީ ފޮނުއްވައިފަ އެވެ.

"ގަވާއިދުގަވާ ގޮތުގެ މަތިން އެ މައްސަލައިގެ ނޯޓިސް ވާނީ މަޖިލީހުގެ ރައީސްއަށް ފޮނުވާފައި. ދެން ގަވާއިދު ބުނާ ގޮތަށް އެކަންތައް ކުރިއަށް ގެންދެވޭނެ،" އަމީން އާއްމު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެންމެ މަދުވެގެން 14 މެންބަރުން ސޮއިކުރުމަށް ފަހު، މަޖިލީހަށް ހުށަހަޅާތާ ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި މަޖިލީހުގެ އަމީން އާއްމު އެ މައްސަލައިގެ ނޯޓިސް މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި އެ ނޯޓިސް ދޭތާ ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަކަށް އެ މައްސަލަ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ 27 މެންބަރަކު ސޮއިކޮށް އެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ މަޖިލީހުގެ ބޮޑެތި ބައެއް މައްސަލަތައް ޕާޓީތަކާ މަޝްވަރާކުރެއްވުމެއް ނެތި ޝާހިދު އަމިއްލަފުޅަށް ނިންމަވަމުން ގެންދަވާ ކަމަށް ބުނެ އެވެ. ނަމަވެސް ރައްޔިތުންގެ އެމްޑީޕީން އެ މައްސަލަ މަޖިލިހަށް ވައްދާފައި ވަނީ ހަގީގަތާ ހިލާފު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.