މި ދުވަސްވަރު ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮވިޑު ކޭސްތައް މަދުވި ނަމަވެސް މިހާރު ކޮވިޑު ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ މި ދެ ބަލި އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެއް ކަމަށް ބުނެފައެވެ.

އެގޮތުން ކޮވިޑުން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮވުމަށް ނުވަތަ ސެނިޓައިޒަ ބޭނުންކޮށްގެން އަތް ސާފުކުރުމަށާއި ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން ބޭރުގައި އުޅޭއިރު، އަދި ގިނަ މީހުންގެ ތެރެއަށް ނުކުންނައިރު، މާސްކު އަޅައިގެން އުޅުމުގެ އިތުރުން ކޮވިޑު ވެކްސިން ފުރިހަމަކުރުމާއި ބޫސްޓަ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ބޫސްޓަ ޑޯޒް ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް، ރޯގާޖެހި ދިގުލާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދައި، އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ، ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސްކުއެޅުމުގެ އިތުރުން އާއްމު ތަންތަނުގައި އުޅޭއިރު، ގައިދުރުކަން ބެހެއްޓުން ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފުތާގައި ކޮވިޑުގެ 84 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން 73 ކޭސް އާއި އެހެން ސަރަހައްދުތަކުން 11 ކޭސްއެވެ. އޭގެ ކުރީ ހަފުތާގައި ކޮވިޑު ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 39 ކޭސްއެވެ. މިއީ 45 ކޭސްގެ އިތުރުވުމެކެވެ. އެންމެ ފަހުން މިހާ ވަރަށް ކޭސްތައް އިތުރުވެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީ ކޮޅެވެ.

އޭގެ ފަހުން ކޮންމެ ހަފުތާއެއްގައި ވެސް ކޮވިޑު ކޭސްތައް ދަށްވެ، އެ ކޭސްތަކުގެ އަދަދު އުޅެނީ 20އަށް ވުރެ ދަށުގައެވެ. އަދި މި އަހަރު ފެށުނު ފަހުން، މާޗު ފަހުކޮޅާ ހިސާބަށް ކޮންމެ ހަފުތާއަކު ވެސް ކޭސްތަކުގެ އަދަދު އުޅެނީ 15އަށް ވުރެ ދަށުގައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އެޗްޕީއޭއިން އެންމެ ފަހުން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖުމުލަ 30،628 މީހުންނަށް އެ ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ. އަދި މިދިޔަ މަހުގެ ތަފާސްހިސާބުތައް އާއްމުކޮށްފައިނުވާއިރު، އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާ ޖެހޭ މިންވަރުވެސް އިތުރުވެފައިވާ ކަމަށެވެ.