12 Apr 2023, 15:43
އަރީހާ (12 އެޕްރީލް 2023): އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ 15 އަހަރުގެ ފިރިހެން ކުއްޖެއްގެ ބޮލަށް ބަޑިޖަހައި އެކުއްޖާ ޝަހީދުކޮށްލައިފިއެވެ.
މި ކުއްޖާ ޝަހީދުކޮށްލީ އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ އަރީހާއަށް އަރައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހަތިޔާރު ބޭނުންކޮށްގެން ހިންގި އުދުވާނީ އަދި ލާއިންސާނީ އަމަލުތަކެއްގައެވެ. އިސްރާއީލު ސިފައިން ރޭގެ އިރާކޮޅު ވަނީ އަރީހާގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީ އަވަށެއްކަމަށްވާ އަޤަބަތް ޖަބްރު އަށް ހަތިޔާރާއެކު ވަދެގަނެ ވަރަށް ހަޑިހުތުރު ލާއިންސާނީ ޖަރީމާތަކެއް ހިންގާފައެވެ.
މީގެތެރޭގައި އެއަވަށުގެ މީހުންނަށް ބަޑިން ބިރުދެއްކުމާއި ހަޑިހުތުރު ބަހުން މުޚާތަބު ކުރުމާއި ރެފިއުޖީންގެ ގެދޮރާއި ތަކެތި ހަލާކުކުރުމާއި ކުޑަކުދިންނާއި އަންހެނުންނަށް ގޯނާކުރުންފަދަ ޓެރަރިޒަމްގެ އަމަލުތައް ހިމެނެއެވެ. މުޙައްމަދު ފައްޔާޒް ނަމަކަށްކިޔާ ފަލަސްތީނުގެ މިކުއްޖާ ޝަހީދުކޮށްލީ އަޤަބަތް ޖަބްރުގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކުގައެވެ.

އިސްރާއީލުގެ އަނިޔާވެރިކަން
ފަލަސްތީނުގެ ރެޑް ކުރެސެންޓް ޖަމްއިއްޔާ ބުނިގޮތުގައި އިސްރާއީލު ސިފައިން މިކުއްޖާގެ ގަޔަށް ބަޑިޖަހާފައިވަނީ ވަރަށް ގާތުންނެވެ. ބަޑީގެ ވަޒަންތައް އޭނާގެ ބޮލާއި މެޔާއި އަދި ބަނޑަށް އެރުމާއެކު އޭނާވަނީ ޝަހީދުވެފައެވެ. ފައްޔާޒްގެ ހަށިގަނޑަށް ގިނަ އަދަދެއްގެ ވަޒަންތައް އަރައި ހަށިގަނޑު ފޫއަޅުވާލާފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އިސްރާއީލު ސިފައިން މިޖަރީމާ ހިންގާފައިވަނީ ފަލަސްތީނުގެ ކުއްޖާގެ މައިންބަފައިންގެ ކުރިމަތީގައެވެ.
އިސްރާއީލު ސިފައިންނާއި ފުލުހުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފަލަސްތީނުގެ ސިޓީތަކާއި ރެފިއުޖީ އަވަށްތަކަށް އަރައި ފަލަސްތީނުގެ އާންމުންނަށް ބަޑިން ހަމަލާދީ ޓެރަރިޒަމްގެ އަމަލުތައް އާދަޔާ ޚިލާފަށް ގިނައިން ހިންގަމުންނެވެ. އާދަޔާ ޚިލާފު ބާރުމިނެއްގައި މިޖަރީމާތައް އިސްރާއީލު ހިންގަމުން ގެންދާތާ މިހާރުވަނީ ތިން މަސްވެފައެވެ. މި ތިން މަހުގައި އިސްރާއީލު ސިފައިންވަނީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް 94 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

އިސްރާއީލު ސިފައިންގެ ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ބައެއްކުޑަކުދިން
ރެފިއުޖީ އަވަށްތަކުގެ އިތުރުން އިސްރާއީލުގެ ޓެރަރިސްޓް އަމަލުތަކުން މާތްވެގެންވާ މަސްޖިދުލްއަގްސާ އާއި އެމިސްކިތުގައި އަޅުކަންކުރާ މީހުންވެސް ސަލާމަތެއް ނުވެއެވެ. މި ރަމަޟާން މަހުގައި ނަމާދުކުރުމާއި އިއުތިކާފަށް ތިބުމަށް ފަލަސްތީނުގެ ގިނަ ބަޔަކު މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ދެއެވެ.
އިސްރާއީލު ސިފައިންނާއި ފުލުހުން ގެންދަނީ މަސްޖިދުލްއަގްސާއަށް ހަތިޔާރާއި ލަޓިބުރިތައް ހިފައިގެން ވަދެގަނެ އެމިސްކިތަށް ހަމަލާދީ އެތަނުގައި ނަމާދާއި އެނޫންވެސް އަޅުކަންތައް ކުރަންތިބޭ ފަލަސްތީނު މީހުން އެތަނުން ބޭރުކޮށް ދެއަތް ފުރަގަހަށްވާގޮތަށް ބިޑިއަޅުވައި އެމީހުން ހައްޔަރުކުރުމުގެ ޓެރަރިސްޓް ހަރަކާތްތަކެއް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ.
އިސްރާއީލު ސިފައިން މީގެ ފަސްދުވަސް ކުރިންވަނީ އަގްސާ މިސްކިތަށް ނަމާދަށް ދިޔަ ފަލަސްތީނުގެ ޑޮކްޓަރެއްގެ ބޮލަށް ބަޑިޖަހައި އަގްސާގެ ހަރަމްފުޅުގެ ތެރެއަށް އޭނާ ޝާހީދުކޮށް ވައްޓާލާފައެވެ.
އިސްރާއީލު ބުނާގޮތުން ފަލަސްތީނު މީހުންގެ ކުށަކީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް އަޑުއުފުލުމާއި މިނިވަންކަމަށް މަސައްކަތް ކުރުމެވެ. އަޅުވެތިކަމާ ދެކޮޅު ހެދުމެވެ. އެމެރިކާ އިސްރާއީލުގެ ދިފާއުގައި އޮންނާނީ އިސްރާއީލުގެ އެއްވެސް ޖަރީމާއެއް ކުށްވެރި ކުރުމުގައާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އދ.އަށް ކުރެވޭ އެއްވެސް ކަމެއް ނޯވެއެވެ.