12 Apr 2023, 15:26
ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ބޮޑު ޚަރަދެއްކޮށްގެން ހިންގާ ތިލަމާލެ ބުރިޖު މަޝްރޫއާ ހަވާލުވެފައިވާ އިންޑިޔާގެ އެފްކޮންސް އިންފްރާސްޓްރަކްޗާގެ ބެލެނިވެރި ކުންފުންޏަށް ބޭނުންވާ ފައިސާ ހޯދަން އެ ކުންފުނި ވިއްކާލުމުގެ މަޝްވަރާތަކެއް ފަށައިފިއެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެފްކޮންސްގެ މައި ކުންފުނި، ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ)އަށް ވަނީ ވަރަށް ބޮޑަށް މާލީ ތާށިކަން ކުރިމަތިވެފައެވެ. އެހެންކަމުން އެކުންފުނީގެ ދެ ބިލިއަން ޑޮލަރުގެ އެސެޓު ވިއްކާލައި، ހިއްސާގެ ބައެއް ދޫކޮށްލުމުގެ މަޝްވަރާތަކެއް މިހާރު ފަށާފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އެފްކޮންސް އިންފްރާސްޓްރަކްޗާ ވިއްކާލަން ނިންމާފައި ވަނީ އޭގެ ތެރެއިންނެވެ.
މީގެ އިތުރުން އެސްޕީއިން ދަނީ، އެ ކުންފުނިން އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިންގަމުން އަންނަ އެންމެ ބޮޑު އެއް ޕޯޓު ކަމަށްވާ ގޯޕާލްޕޫރު ޕޯޓު ވެސް ވިއްކާލަން މަޝްވަރާކުރަމުންނެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، އެސްޕީއިން މި ފައިސާ ހޯދަނީ އެކުންފުނިން ދައްކަން ޖެހޭ ދަރަނީގެ ބައެއް އަދާކުރުމަށެވެ. އިންޑިއާ ޓައިމްސް ނޫހުގައިވާ ގޮތުން އެ ކުންފުނީގެ ދަރަނި ދެ ބިލިއަން ޑޮލަރަށް އަރައެވެ.
އެފްކޮންސްއިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ، ބްރިޖަށް ހޭދަކުރާ 8.2 ބިލިއަން ރުފިޔާއާއި އައްޑޫ މަގުތައް ހެދުމަށް ހޭދަކުރާ 1.1 ބިލިއަން ރުފިޔާ އެވެ.
އެސްޕީއަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލު ހޯދުމަށް މިދިޔަ އަހަރު އެ ކުންފުނިން ވަނީ 536 މިލިއަން ޑޮލަރުގެ، ޕިއުރިފަޔާ އުފައްދާ ކުންފުނި، ޔުރެކާ ފޯބްސް ލިމިޑެޓް ވެސް ވިއްކާލައިފައެވެ. އެ ކުންފުނި ވިއްކާލުމަށް ފަހު އެސްޕީއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިފައެވެ.