12 Apr 2023, 13:37
ހދ. ކުޅުދުއްފުށި ސިޓީގައި ގާއިމްކުރަން ނިންމާފައިވާ ފުށާއި ހަނޑޫ ބަންދުކުރާ ފެކްޓްރީގެ މަސައްކަތް ހުއްޓިފައި އޮތީ ރައީސް އޮފީހުން ބޭނުންވެގެން ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވުމުން ސަރުކާރުން އެކަމަށް ރައްދު ދީފިއެވެ.
ކުޅުދުއްފުށި ސިޓީގައި ފުށް ފެކްޓްރީ އެޅުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ފަށާނެ ކަމަށް އެސްޓީއޯއިން އޮތީ ބުނެފައެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައިރު ވެސް އެކަމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަމްރު ވިދާޅުވީ އެސްޓީއޯއާ އޭނާ ހަވާލުވުމުގެ ކުރިން ވެސް ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށް ވާހަކަ ދައްކާފައިވާނެ ކަމަށާއި އެގޮތުން ރާއްޖޭގައި ފުށް ފެކްޓްރީއެއް އެޅުމަކީ އޭނާގެ އެއް ޕްލޭން ކަމަށެވެ.
"އެކަން ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގަ އަޅަން ބޭނުން ނުވެގެން. އިތުރު ތަނެއްވެސް ނުދެއްކިގެން," އެސްޓީއޯގެ އެމްޑީގެ މަގާމުން ދާދި ފަހުން ވަކި ކުރެއްވި އަމްރު ވިދާޅުވިއެވެ.
އަމްރުގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ, ސަރުކާރުން އެންމެ ފުރަތަމަ ވެސް ނިންމާފައި އޮތީ ކުޅުދުއްފުށީގައި ފުށް ފެކްޓްރީ އެޅުމަށް ކަމަށާއި އެ ނިންމުމަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުށް ފެކްޓްރީ އެޅުމަށް ބޭނުންވާ ބިން ބެލުމަށް އަމްރު ހިމެނިވަޑައިގަންނަވާ ގޮތަށް އޭރުގެ އެސްޓީއޯގެ އިސް ވެރިން ވަނީ ކުޅުދުއްފުއްޓަށް ދަތުރުވެސް ކުރައްވާފައެވެ. އަދި މިއަހަރުގެ މެދެއްހާ ހިސާބުގައި ފެކްޓްރީ އޮޕަރޭޝަނަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތަށް ކުރަމުން އަންނަ ކަމަށް ވެސް އޭރު ވަނީ ބުނެފައެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފައިވަނީ, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާކަން އޭނާ ހާމަކޮށްފައިވަނިކޮށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވެވަޑައިގަތުމުން އޭނާ ގެންދަވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި ވަކި ފެކްޝަނެއް ހަދައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.