22 Apr 2012, 16:41
ދެމެހެއްޓެނެވި ތަރައްގީގެ މަގުސަދުތައް ހާސިލްކުރުމާ ގުޅޭ ގޮތުން ޔުނައިޓެޑް ނޭޝަން ކޮންފަރެންސް އޮން ސަސްޓެއިނަބަލް ޑިވްލޮޕްމަންޓް (ރިޔޯ) ޑިޖޭނިއޭރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރިޔޯ ޕްލަސް 20"ގައި ރާއްޖެ އިން ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީގައި ބުނެފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރުގެ ނާއިބު އަބްދުﷲ މަޖީދު ވިދާޅުވީ "ރިޔޯ ޕްލަސް 20"ގެ ޖަލްސާގައި ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންވާނެ ކަމަށެވެ.
ނައިބު ވިދާޅުވީ އެ ޖަލްސާއަކީ 1992 ވަނަ އަހަރު ބްރެޒިލްގެ ރިޔޯގައި ބޭއްވި "އާތު ސަމިޓް"ގެ ޖަލްސާ އަށް ފަހު ބާއްވާ ތާރީހީ ޖަލްސާއެއް ކަމަށާއި އެ ބައްދަލުވުގައި ސަރުކާރުން ހުށަހަޅާ ރިޕޯޓް ތައްޔާރުކުރަމުން އަންނަ ކަމަށެވެ.
އެކި ގައުމުތަކުން ސަރުކާރު ތަމްސީލު ކުރާ ބޭފުޅުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވާ މި ޖަލްސާގައި ދެމެހެއްޓެނެވި ތަރައްގީ އަށް ވާސިލުވުމަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާއި މައްސަލަތައް ފާހަގަކޮށް އެކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް މިނިސްޓަރު ނައިބު ވިދާޅުވި އެވެ.
މީގެ އިތުރުން އެ ޖަލްސާގައި ފަގީރުކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުގެ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް އިޔާދަކުރަނިވި ހަކަތަ އުފެއްދުމާއި، ދެމެހެއްޓެނިވި ގޮތުގައި ހަކަތަ އުފެއްދުމާއި ދެމެހެއްޓެނިވި ގޮތުގައި ގުދުރަތީ ވަސީލަތްތައް ބޭނުން ކުރުމުގެ މައްޗަށް ވާހަކަދައްކާނެ އެވެ.
މި ޖަލްސާ ބާއްވަން ހަމަ ޖެހިފައިވަނީ އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ބްރެޒިލްގަ އެވެ.