13 Apr 2023, 09:02
މާވެލް ސިނެމޭޓިކް ޔުނިވާސްގެ ބޮޑު ޕްރޮޖެކްޓު ކަމަށްވާ "ދަ މާވެލްސް"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
މި ފާއިތުވި އަހަރެއް ހާ މުއްދަތުގައި މާވެލްގެ ސުޕަހީރޯ ފިލުމުތަކަށް އޮތް މަގުބޫލުކަން ވަނީ ކުޑަ ވެފައެވެ. އަދި, ސިނަމާގައި ދައްކަމުން އަންނަ ގިނަ ފިލުމުތައް ވަނީ ބޮޑެތި ފްލޮޕްތަކަށް ވެސް ވެފައެވެ.
މާވެލް އާއި ޑިޒްނީއިން ނެރެމުން އަންނަ ސުޕަހީރޯ ފިލްމުތަކުގެ އަސަރު ކެނޑިއްޖެ ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ފަހުގެ ފިލްމުތަކަށް ފާޑު ކިޔަމުންނެވެ. ހުރިހާ އެންމެންގެ ވެސް މައްސަލައަކީ ފިލްމުތައް ފޫހިވެފައި ހުރިހާ ފިލްމުތަކުގައި ވެސް އެއް ގޮތެއް ވާތީއެވެ.
ނަމަވެސް ދާދި ފަހުން ދަ މާވެލްސްގެ ޓްރެއިލާ އާންމު ކުރުމާ އެކު މާވެލްއަށް އިތުރު އުއްމީދެއް ލިބިދާނެ ކަމުގެ އިޝާރާތްތައް ވަނީ ކޮށްފައެވެ.
އަލަށް ނެރުނު މާވެލްސްގެ ޓްރެއިލާގައި ސުޕަހީރޯގެ ލިސްޓަަށް އަލަށް އިތުރު ކުރި ކެރެކްޓަރުންނާއި ކުރީގެ ކެރެކްޓަރުން އަލަށް ފެނިގެން ދެއެވެ. އަދި، މި ކެރެކްޓަރުން އެކީގައި ގްރޫޕެއް ހަދައި އުނދަގޫތަކުން ސަލާމަތްވާ މަންޒަރު ޓްރެއިލާއިން ދައްކައެވެ.
އާންމުންނަށް ޓްރެއިލާ ވަރަށް ކަމުގޮސްފިއެވެ. ފޭނުންތައް ވެސް ސޯޝަލް މީޑިއާގައި ކިޔަމުން އަންނަނީ މާވެލްއަށް އަލުން އާ ދިރުމެއް ލިބިއްޖެ ކަމަށެވެ. އަދި، ދުވަސްގަނޑަކަށް ފަހު މާވެލްގެ ފިލްމަކަށް އަލުން އިންތިޒާރު ކުރަން ބޭނުންވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ދަ މާވެލްސްގެ ރޯޯލުތަކުން ފެންނާނީ ބްރީ ލާސެން އާއި ޓެޔޯނާ ޕެރިސް އަދި އީމާން ވެލާނީގެ އިތުރުން ޕާކް ސޯޖޫން އާއި ލަޝާނާ ލިންޗާއި ސެމިއުއެލް އެލް ޖެކްސަން އެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 10 ގައެވެ.