12 Apr 2023, 14:32
ވޮޝިންޓަން (12 އެޕްރީލް 2023): ރަޝިއާއާއި ޔުކްރެއިން އާ ދެމެދު ހިނގާ ހަނގުރާމައިގާ ޔުކްރެއިން ސިފައިންނަށް އެހީތެރިވުމަށް ނޭޓޯގެ ސިފައިންނާއި ފަންނީ މީހުންނާއި އަސްކަރީ މުސްތަޝާރުން ޔުކްރެއިންގައި ހަރަކާތްތެރިވަމުންދާކަން, ލީކުވެފައިވާ އެމެރިކާގެ ޖާސޫސީ ލިޔުންތަކުން ހާމަވެއްޖެއެވެ.
މިލިޔުންތަކުން ހާމަވެފައިވާގޮތުގައި ނޭޓޯގެ ބޮޑު ތިންބާރުކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، އަދި ފަރަންސޭސިވިލާތުގެ ސިފައިން ހިމެނޭ ނޭޓޯގެ އަސްކަރީ ލަޝްކަރެއް ޔުކްރެއިން ސިފައިންނާއެކު ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރުމުގައި ބައިވެރިވަމުން ދެއެވެ. ނަމަވެސް މި ލަޝްކަރު ބައިވެރިވަނީ ހަނގުރާމައިގެ ފްރަންޓް ލައިންގައެއް ނޫނެވެ. ބެކްފްރަންޓްގައެވެ.
ނޭޓޯގެ މިލަޝްކަރުގައި ސިފައިންގެ އިތުރުން މަދު އަދަދެއްގެ ފަންނީ މީހުންނާއި އަސްކަރީ ތަޖުރިބާކާރުންވެސް ހިމެނޭކަމަށް އެމެރިކާގެ ލީކުވެފައިވާ ޖާސޫސީ ލިޔުންތަކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ލީކުވެފައިވާ ޖާސޫސީ ރިޕޯޓްތަކުން އެނގޭގޮތުގައި ޔުކްރެއިންގައި ރަޝިއާއާ ދެކޮޅަށް ހަރަކާތްތެރިވާ ނޭޓޯގެ ލަޝްކަރުގައި ހިމެނޭ އެމެރިކާ ސިފައިންނަކީ އެމެރިކާގެ ނޭވީ ސީލްގެ ސިފައިންނާއި ޑެލްޓާ ފޯސް ނަމުގައި އެމެރިކާ ސިފައިންގެ ތެރޭގައި އޮންނަ ޔުނިޓްގެ ސިފައިންނެވެ.

ނޭޓޯގެ ލަޝްކަރުގައި ހިމެނޭ އިނގިރޭސިވިލާތުގެ ސިފައިންނަކީ އިނގިރޭސި ސިފައިންގެ ސްޕެޝަލް އެއާ ސާވިސް ވިންގަށް ނިސްބަތްވާ ސިފައިންނެވެ. ފަރަންސޭސި ސިފައިންގެ ތެރޭގައި ހިމެނޭކަމަށްވަނީ އަސްކަރީ މުސްތަޝާރުންނެވެ.
ޔުކްރެއިން ހަނގުރާމައާގުޅޭ އެމެރިކާގެ ޖާސޫސީ ސިއްރު ލިޔުންތަކެއް ލީކުވެ އެލިޔުންތައް އިންޓަނެޓްގައި ޝާއިޢު ކުރަމުން ގެންދާކަން ހާމަވީ މިދިޔަ ހަފުތާގައެވެ. އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) ބުނާގޮތުން ލީކުވެފައިވަނީ ވަރަށް ޙައްސާސް ލިޔުންތަކެކެވެ. އެމެރިކާގެ ގައުމީ ސަލާމަތަށްވެސް ނުރައްކާވާރުގެ ސިއްރު މައުލޫމާތު ހުރި ލިޔުންތަކެކެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވިގޮތުގައި ޕެންޓަގަންގެ ތަޖުރިބާކާރުންގެ ޓީމަކުން މިހާރު ގެންދަނީ ލީކުވެފައިވާ ސިއްރު ލިޔުންތައްހުރީ އޭގެ ބައެއް މައުލޫމާތު ބަދަލުކޮށް ފޯޖް ކޮށްފައިތޯ ނުވަތަ ނޫންތޯ ބެލުމާ އަދި އެލިޔުންތަކުން އެމެރިކާގެ ގައުމީ ސަލާމަތަށް ލިބޭނެކަމަށް ބެލެވޭ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
ލީކުވި އެމެރިކާގެ ޖާސޫސީ ލިޔެކިޔުންތައް ލީކުވިގޮތެއް އަދި ނޭނގޭކަމަށާއި އެކަން ބަލައި ތަހުގީގު ކުރަމުންދާކަމަށް އެމެރިކާ ބުނެއެވެ. މިކަމުގެ ފަހަތުގައި ރަޝިއާއަށް މައުލޫމާތުދޭ ޑަބަލްރޯލު ކުޅޭ އެޖެންޓުން ތިބެދާނެކަމަށްވެސް އެމެރިކާ ޝައްކު ކުރެއެވެ. އަދި އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ސާވާތައް ހެކްކޮށްގެން މައުލޫމާތު ލީކުކޮށްލުމުގެ ފުރުސަތުވެސް އޮތްކަމަށް އެމެރިކާގެ ކަމާބެހޭ މަސްއޫލުވެރިން ލަފާކުރައްވައެވެ.
ލީކުވި އެމެރިކާގެ ސިއްރު ލިޔުންތަކުގައިވާ މައުލޫމާތަށް ބަލާއިރު، ޔުކްރެއިން ހަނގުރާމައަކީ ހަގީގަތުގައި ނޭޓޯއާއި ރަޝިއާއާ ދެެމެދު ހިނގާ ހަނގުރާމައެއްކަމަށް ރަޝިއާ ބުނާ ބުނުމަކީ ހަގީގަތެއްކަން އެލިޔުންތަކުން ވަނީ ހާމަވެފައެވެ.