ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ތަޅުމުގައި އަޑުގަދަކޮށް ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުުމުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތު ފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި މެނިފެސްޓޯގައްޔާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސިޔާސަތު ތަންފީޒު ކުރަން ގޮވާލައި މަޑަވެލީ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން، ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަން ލިބުނު ފުރުސަތުގައި ޖާބިރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ.

ބަހުސްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ޖާބިރު ވަނީ ނުރުހުން ފާޅުކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އަދި، މުޅި މަޖިލީހަކީ "ކެނެރީގޭ އައްޑާ" އަކަށް ހައްދަވަން މަސައްކަތް ކުރައްވާ ކަމަށް ވެސް ތުހުމަތު ކުރައްވައިފައެވެ.

އަދި، މަޖިލީހުގެ ރައީސްކަން ހައްގުވަނީ އޭނާއަށް ކަމަށް ވިދާޅުވެ ތަޅުމުގައި އަޑުގަދަކުރައްވާފައިވެއެވެ.

"ކެނެރީގެ ފެއިލްވުމަކީ، ސަރުކާރު ފެއިލްވުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޖާބިރަށް އެރުވި ފުރުސަތުގެ ވަގުތު ހަމަވުމުން އޭނާ ވަނީ ރިޔާސަތު ކުރި މައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވައިފައެވެ. އަދި، ގިނަ އިރު ތަކެއް ވަންދެން އެތާ ހުންނަވައި، ސަރުކާރަށް ފާޑު ވިދާޅުވި މެންބަރުންނަށް އުނދަގޫ ކުރައްވައިފައެވެ. މަޖިލީހުގެ ޖަލްސާއަށް ހުރަސްއެޅި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެ ވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ނަމަވެސް އަޑުމަޑުކުރުމެއް ނެތި ޖަލްސާއަށް ހުރަސް އެޅޭ މޭރުމުން އަމަލު ކުރައްވާފައިވާތީ ރިޔާސަތުން ވަނީ މެންބަރުގެ ނަން އިއްވާފައެވެ.