ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދައި އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީން އެ މުބާރާތުގެ ސެމީއާ ގާތަށް ޖެހިލައިފިއެވެ.

ރޭ ސިޓީގެ އެތިހަޑު ސްޓޭޑިއަމުގައި ކުޅުނު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ސިޓީން ބަޔާނާ ވާދަކޮށް އެ ޓީމުން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް އުފައްދި އެ މެޗުގެ 23ވަނަ މިނެޓުގައި ސިޓީން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ސިޓީގެ ބަނާޑޯ ސިލްވާ ދިން ޕާހެއް ހިފައިގެން އޭރިއާ ބޭރުން އެ ޓީމުގެ ރޮޑްރީ ފޮނުވާލި ހަަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 70ވަނަ މިނެޓުގައި ސިޓީން ވަނީ އަނެއްކާ ވެސް ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އާލިން ހާލަންޑު ނެގި ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބަނާޑޯ ސިލްވާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ހަ މިނެޓު ފަހުން ސިޓީން ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ސިޓީގެ ޖޯން ސްޓޯން ބޮލުގައި ޖެހިފައި ހާލަންޑަށް ލިބުނު ބޯޅައެއްގެ ބޭނުން ހިފައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އެ މޮޅާ އެކު ސިޓީ ޗެމްޕިއަންސް ލީގު ސެމީއާ ފިޔަވަޅެއް ގާތަށް ޖެހިލާފައިވާއިރު ސެމީގެ ޖާގަ ކަށަވަރު ވާނީ އަންނަ ބުދަ ދުވަހުގެ ރޭ ބަޔާންގެ ދަނޑުގައި ކުޅޭ ކުއާޓާގެ ދެވަނަ ލެގުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.