ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ހުރީ ހުސްކޮށް ކަމަށް ބަތަލާގެ މަންމަ ބާވްނާ ޕާންޑޭ ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބާވްނާ ޕާންޑޭ ބުނެފައިވަނީ ދަރިފުޅު އަނަންޔާއާއި އަދިތްޔާ ރޯއި ކަޕޫރުގެ ލޯބީގެ ގުޅުމުގެ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ފިލުމީ ތަރިން އެކަކު އަނެކަކަށް އަޅުވާކިއުމަކީ އެ ދާއިރާގައި އުޅޭ މީހުންނަށް އާ ކަމެއް ނޫން ކަމުގައެވެ.

ބަތަލާ އަނަންޔާ ޕާންޑޭއާއި ފިލްމީތަރި އަދިތްޔަ ރޯއި ކަޕޫރުއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަކަމުގެ ވާހަކަތައް ދެކެވެންފެށީ ދެ ތަރިން އެކީގައި މާގިނައިން ބޭރުތެރެއިން ފެންނަން ފެށުމުންނެވެ. މި ވާހަކަތައް އެންމެ ބޮޑަށް ނޫސްތަކުގައި ލިޔެވެންފެށީ އަނަންޔާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު އިޝާން ހައްތަރުގެ ގުޅުމެއް ނިމުމެއް އައިކަމުގެ ސިގްނަލް މީޑިއާތަކަށް ލިބުނު ހިސާބުންނެވެ.

ދާދިފަހުން އިންޑިއާގެ މުންބާއިގައި ކުރިއަށް ދިޔަ ލެކްމޭ ފެޝަން ޝޯވްގެތެރެއިން އަދިތްޔައާއި އަނަންޔާ އެކީގައި ޝޯވް ސްޓޮޕާގެ ގޮތުގައި ފެނުމުން މި ދެ ތަރިން 'ޑޭޓް' ކުރާކަން ބެލުންތެރިންނަށް ޔަގީންކޮށްދީފި ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން އޭރު ބުނެފައިވެއެވެ. ނަމަވެސް އަނަންޔާއާއި އަދިތްޔާގެ އެފަދަ ގުޅުމެއް ނެތްކަން މަންމަ ބާވްނާ މިވަނީ ޔަގީންކޮށްދީފައެވެ.

ބާވްނާ ޕާންޑޭ ބުނެފައިވަނީ ފިލްމީ ތަރިންނަށް މި ފަދަ ތުހުމަތުތައް އަންނާނެ ކަމަށާއި މިއީ ބޮލީވުޑްގެ މައިދާނަށް ނުކުންނައިރު ކޮންމެ ފިލްމީ ތަރިއަކު ވެސް ދުރާލާ އެ ކަމަކަށް ތައްޔާރުވާންޖެހޭ ކަމެއް ކަމުގައެވެ. ދަރިފުޅަށް ބައެއް މީހުންގެ ފަރާތުން އަމާޒުވާ ނޭދެވޭ ފާޑުކިޔުންތަކާ މެދު ވިސްނަން ބޭނުންނުވާ ކަމަށް ބުނަމުން ބާވްނާ ބުނެފައިވަނީ އަނަންޔާއަކީ ވަރަށް ގިނަ ބައެއްގެ ލޯބި ކުޑަ ދުވަސްކޮޅެއްގެ ތެރޭ ހޯދި ބަތަލާއެއް ކަމުގައެވެ.

އެހެންވެ، ބޮޑަށް ފޯކަސްކުރަނީ ވެސް އެފަދަ ފަރާތްތަކުން ލިބޭ ޕޮޒިޓިވް ފާޑުކިޔުންތަކަށް ކަމަށް ބާވްނާ ވަނީ ބުނެފައެވެ. އަދި، އަބަދު ވެސް ދަރިފުޅަށް ނަސޭހަތްތެރިވަނީ ބެލުންތެރިންގެ ލޯތްބާއި އިހުތިރާމް ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށް ބާވްނާ ބުނެފައިވެއެވެ.

އަނަންޔާ ޕާންޑޭއަކީ ކުރީގެ އެކްޓަރު ޗަންކޭ ޕާންޑޭއާއި ބާވްނާ ޕާންޑޭގެ ކައިވެންޏަށް ލިބުނު ދެ އަންހެން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. މީގެ ކުރިން އެއްވެސް ވަރަކަށް އެކްޓިންގް ދާއިރާއިން ފެނިފައިނުވާ ބާވްނާ ޕާންޑޭވަނީ ނެޓްފްލިކްސްގެ ރިއަލިޓީ ޝޯވް "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"ގެ ދެ ސީޒަންއިން ވެސް ފެނިފައެވެ.