22 Apr 2012, 16:25
ވޮޝިންގޓަން (މާޗް 22) : ދުނިޔޭގައި އެއްބިލިޔަނަށްވުރެ ގިނަފަގީރުން އެބަތިބި ކަމަށް ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ބުނެފިއެވެ.
ދުނިޔޭގެ ފަގީރުންގެ ޙާލަތާބެހޭގޮތުން މިދެމުއައްސަސާއިން ނެރުނު ދިރާސާ ރިޕޯޓެއް ބުނާގޮތުން 2015 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގައި 1.02 ބިލިޔަން ފަގީރުން ތިބޭނެއެވެ. މި އެއްބިލިޔަން ފަގީރުންނަކީ އެކަށީގެންވާ ކާބޯތަކެއްޗާއި ސާފުބޯފެނާއި ސިއްޙީ ފަރުވާއާއި ތަޢްލީމާއި ހިޔާވަހިކަން އެދެވޭގޮތުގައި ނުލިބޭމީހުން ކަމަށާ ކުރިއަރަމުންދާ ގިނަ ޤައުމުތައްވަނީ ފަގީރުކަން ކުޑަކުރުމާއި އިންސާނީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ނާކާމިޔާބުވެފައި ކަމަށް މިރިޕޯޓް ބުނެއެވެ.
2000 ވަނަ އަހަރު ދުނިޔޭގެ ލީޑަރުންވަނީ 2015 ގެ ކުރިން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަނޅުކުރުމަށާއި ފަގީރުކަން ކުޑަކުރުމަށް ސާސްކަފް ލަނޑުދަނޑިތަކެއް ކަނޑައަޅާފައެވެ. މިލަނޑުދަނޑިތަކުގެ ތެރޭގައި 2015 އާ ހަމައަށްދާއިރު އެޤައުމެއްގެ ފަގީރުންގެ ނިސްބަތް 50% އަށް ކުޑަކުރުން ހިމެނެއެވެ. ނަމަވެސް މިލަނޑުދަނޑި ޙާސިލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް، ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތެރޭން ވަރަށް މަދުޤައުމަކަށްނޫނީ އަޅަމުން ނުގެންދާ ކަމަށް މިރިޕޯޓް ބުނެއެވެ. އަދި ފަގީރުކަން ކުޑަކުރުމަށާއި ސާސްކަފްގެ އެހެން ލަނޑުދަނޑިތައް ޙާސިލްކުރުމުގައި ދުނިޔޭގެ ޤައުމުތައް ފޭލްވާނެ ކަމުގެ ބިރުއެބައޮތް ކަމަށްވެސް މިރިޕޯޓް ބުނެއެވެ.
މިރިޕޯޓަށް ރައްދު ދެމުން އިންސާނީ އެހީއަށް މަސައްކަތްކުރާ އޮކްސްފާމް ޖަމާއަތުންބުނީ ފަގީރުކަން ކުޑަވުމުގެ ބަދަލުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ފަގީރުން އިތުރުވަމުންދާ ކަމުގައެވެ. މިކަމުގެ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔުމާއި ހަނަފަސްކަންފަދަ މޫސުމަށް އަންނަ ބަދަލުތަކާއި ހަނގުރާމަތަކާއި އެކިބާވަތުގެ ހަމަނުޖެހުންތައް ހިމެނޭކަން އެޖަމާއަތުން ބުނެއެވެ. -- ރޮއިޓާސް