12 Apr 2023, 09:09
ބޮލީވުޑްގެ ޒުވާން ފިލްމީ ތަރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަނީސް ބަޒްމީގެ ކުރިއަށް އުފައްދަން ގަސްތުކުރާ ފިލްމަކުން އެކްޓަރު ސިދާތް މަލްހޯތްރާއަށް ފުރުސަތު ލިބިއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސިދާތަށް ފުރުސަތު ލިބިފައިވަނީ 2012ވަނަ އަހަރު އަކްޝޭ ކުމާރު ލީޑް ރޯލް ކުޅެފައިވާ ފިލްމު "ރައުޑީ ރާތޯޑް"ގެ ސީކުއަލްއިންނެވެ. "ރައުޑީ ރާތޯޑް2"ގެ ނަމުގައި އުފައްދަން ނިންމާފައިވާ މި ފިލްމު ޑައިރެކްޓްކުރާނީ އަނީސް ބަޒްމީއެވެ. ފިލްމުން ސިދާތް މަލްހޯތްރާއަށް ފުރުސަތު ދޭން ނިންމާފައިވާއިރު މި ކަމާ ގުޅޭ ގޮތުން ދެ ފަރާތުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޑައިރެކްޓަރު އަނީސް ބަޒްމީ މީގެ ކުރިން ނިންމާފައިވަނީ އެކްޓަރު ޝާހިދު ކަޕޫރު ހިމަނައިގެން ކޮމެޑީ ފިލްމެއް އުފެއްދުމަށެވެ. އެހެންނަމަވެސް ޝާހިދުގެ ޝެޑިއުލް ހުރިގޮތުން އެ ފިލްމު ފެށެން އަންނަނީ މި އަހަރުގެ އޮގަސްޓް މަހު ތެރޭއެވެ. އޭގެ ބަދަލުގައި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަނީސް ބަޒްމީ ނިންމާފައިވަނީ ތިން މަސް ދުވަހުގެތެރޭ "ރައުޑީ ރާތޯޑް2"ގެ ޝެޑިއުލް ނިންމާލުމަށް ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. މި ދެ ފިލްމުގެ ޝެޑިއުލް ނިންމާލުމަށްފަހު ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް އެކީގައި ނިންމާލުމަށް އަނީސް ވަނީ ނިންމައިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ފަހަރުގެ ސީކުއަލްއިން ސިދާތް ފެނިގެންދާނީ ވަރަށް ސީރިއަސް ފުލުސް އޮފިސަރެއްގެ ރޯލުންނެވެ. އަކްޝޭ ކުމާރު ލީޑް ރޯލް ކުޅުނު ފިލްމުގެ ފުރަތަމަ ބައިން އެކްޓަރު ފެނިގެންދިޔައީ ސީރިއަސް އަދި ހެއްވާ މަޖާ ބައިތަކާ ވެސް އެކުގައެވެ. ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި މި ފިލްމަކީ، ކުޅަދާނަ ތަމަޅަ ޑައިރެކްޓަރު އެސް އެސް ރާޖަމޯލީ 2006ވަނަ އަހަރު އުފެއްދި ތެލުގޫ ފިލްމު "ވިކްރަމަރްކުޑޫ"ގެ ރިމޭކެކެވެ. މި ފިލްމުގެ ފުރަތަމަ ބައި ޕްރޮޑިއުސްކުރި ޓީމުގައި ސަންޖޭ ލީލާ ބަންސާލީގެ ބައިވެރިވުން ހިމެނޭއިރު މި ފަހަރުގެ ފިލްމު ވެސް ޕްރޮޑިއުސް ކުރުމުގައި ކާމިޔާބު ޕްރޮޑިއުސަރު ސަންޖޭ ބައިވެރިވާނެއެވެ.
މި ފަހަރުގެ ސީކުއަލްއިން އަކްޝޭ ކުމާރު ވަކިވެފައިވާ ސަބަބު ހާމަކޮށްފައިނުވާއިރު ފިލްމުގައި ބަތަލާގެ ރޯލުން ފެންނާނެ ފަރާތެއް އަދި ނޭނގެއެވެ. އަކްޝޭ ކުމާރާ އެކު "ރައުޑީ ރާތޯޑް"ގައި ބަތަލާގެ ރޯލް ކުޅެފައިވަނީ ސޮނާކްޝީ ސިންގްހާއެވެ. އަނީސް ބަޒްމީއާ އެކު ސިދާތް މަސައްކަތްކުރާ ފުރަތަމަ ފިލްމު "ރައުޑީ ރާތޯޑް2"ގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ މި އަހަރުގެ މޭ މަހެވެ.