އަމީނީ މަގުގެ ދެވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތަށް ތައްޔާރުކުރުމުގެ ގޮތުން އެ ހިސާބުގައި ހެދިފައި ހުރި ބިޔަ ގަސްތައް ކަނޑާތީ އަނެއްކާ ވެސް މާލޭ ސިޓީ ކައުންސިލުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ގަސްތައް ކެނޑުމުގެ ބޭނުމުގައި އަމީނީ މަގު ބަންދުކުރީ މިދިޔަ އާދީއްތަ ދުވަހެވެ.

މިކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވަމުން މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން މާލެ ފެހިކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސަރުކާރުގެ ފަރާތުން ފެންނަނީ މާލޭ ތެރޭ ހުރި ގަސްތައް "ކަނޑައި ހުސްކުރާ" މަންޒަރުކަމަށެެވެ.

ގަސްތައް ކެނޑުމާ ސިޓީ ކައުންސިލުން ދެކޮޅުކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އަމީނީ މަގުގެ ގަސްތައް އެއްކޮށް ނަގަމުންދަނީ މާލެ ސިޓީ ކައުންސިލުން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް،" މުއިއްޒު ވިދާޅުވިއެވެ.

އަމީނީ މަގުން ގަސް ކެނޑުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ މޭޔަރު މުއިއްޒު

މިކަމާ ގުޅިގެން އިތުރަށް ވާހަކަދައްކަވަމުން މާލެ ސިޓީގެ ކައުންސިލަރު އާދަމް ރަމީޒް "ސަން"އަށް ވިދާޅުވީ ގަސް ކެނޑުމަކީ ކައުންސިލްގެ ސިޔާސަތެއް ނޫންކަމަށެވެ. އަދި ގަސް ނުކެނޑުމަށް އެދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ތަކުރާރުކޮށް ސިޓީ ފޮނުވައިފައިވާކަމަށް ވެސް ރަމީޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މ ކަން ކުރާ ފަރާތްތަކަށް ތަކުރާރުކޮށް ސިޓީ ވެސް ފޮނުވައިފިން. އެކަމު ވެސް ފެންނަނީ އެއަށް ގޮންޖެހުމަށްފަހު މިކަން ކުރާތަން. އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން މީ،" ރަމީޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަމީނީ މަގުގައި މިހާރު ތާރު އަޅައިފައިވާ ސަރަހައްދުން ހިޔާ ނުލިބޭތީ ވެސް ގިނަ ބައެއްގެ ޝަކުވާ ލިބޭކަމަށެވެ.

އެގޮތުން އެއީ ސްކޫލެއް ވެސް ހިމެނޭ ސަރަހައްދަކަށްވުމުން ހިޔޭ ލިބޭނެ އެއްވެސް ޖާގައެއް ނެތުމުން އެކަމުގެ ތަކުލީފު އުފުލަން ޖެހޭ ގިނަ ބަޔަކު ތިބި ކަމަށް ރަމީޒް ވިދާޅުވިއެވެ.

އެހެންނަމަވެސް އާރްޑީސީގެ ޑިޒައިނާ އެއްގޮތަށް ތާރު އަޅައިފައިވާއިރު އެ ތަނުގައި ފެހިކަމެއް ގެނެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ރަމީޒް ވިދާޅުވިއެވެ.

"ކިހިނެއްތޯ އަޅުގަނޑުމެން އެ ތަން ފެހިކުރާނީ. އެ ތަނުގައި އެ ހުންނަނީ ފާޑެއްގެ އެސްލޯނު ހޮޅިއެއް ޖަހައިފައި ނިރެއް ޖަހައިފައި. އެ ހެދޭނެ ޖާގައެއް ވެސް ނެތް. އެ ހެދޭނެ ގޮތެެއް ވެސް އެ ތަނުގައި ނެތް. ކިހާ ދުވަހެއް ނަގާނެތޯ އަދި. ބިޔަ ބޮޑެތި ހިޔާ ލިބޭ ގަސްތައް އެ ތަނުން އެ ނެގީ،" ރަމީޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަގު ހެދުމުގައި ފެހިކަން އިތުރުކުރެވޭނެ ގޮތަކަށް ވިސްނުން މުހިންމު ކަމަށެވެ.

މީގެ ކުރިން އަމީނީ މަގުން އެންމެ ފުރަތަމަ ގަސް ކެނޑި ދުވަސްވަރު ވެސް އެ ކަމުގެ ކަންބޮޑުވުން މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި މާލޭގެ ބައެއް ދާއިރާތަކަށް ނިސްބަތްވާ ބައެއް މެމްބަރުން ފާޅުކުރެއްވިއެވެ.

އެ މައްސަލަ ކޯޓަށް ރައީސް ނަޝީދު ހުށަހެޅުއްވި ނަމަވެސް އެ މަނިކުފާނު ވަނީ އެ މައްސަލަ މިހާރު އަނބުރާ ގެންދަވައިފައެވެ.