11 Apr 2023, 19:59
ވެމްކޯއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ އަގު ބޮޑުކޮށްފައި ވީނަމަވެސް އެއީ ފައިދާ ހޯދުމުގެ ބޭނުމުގައި ގެނައި ބަދަލެއް ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯއިން ދެމުންދާ ޚިދުމަތްތަކުގެ އަގު ބޮޑުތަނުން އިތުރުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ލިބުނު ޝަކުވާއާ ގުޅިގެން މައުލޫމާތު ސާފު ކުރަން އެ ކުންފުނީގެ އިސްވެރިން ވަނީ މިއަދު މަޖިލީހަށް ހާޒިރު ކޮށްފައެވެ.
އެގޮތުން، މަޖިލީހުގެ ސްޓޭޓް އޯންޓް އެންޓަޕްރައިސަސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ ބައެއް ހިދުމަތްތަކުގެ އަގަށް ބަދަލު ގެނައީ ކުންފުންޏަށްވާ ގެއްލުން ފޫބެއްދުމަށް ކަމަށެވެ.
ސިރާޖު ވިދާޅުވި ގޮތުގައި ވެމްކޯއިން މިހާތަނަށް ޚިދުމަތް ދެމުން އައީ ހަރަދު ބަލައި އެކަމަށް އަގު ކަނޑައަޅައިގެން ނޫން ކަމަށެވެ. އެހެން ކަމުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި އޭޑީބީގެ ވޭސްޓް މެނޭޖްމަންޓު ކޮންސަލްޓަންޓުގެ އެހީތެރިކަމާ އެކު ކުނި މެނޭޖު ކުރުމުގެ ޚަރަދު ދެނެގަނެފައިވާ ކަމަށާއި، އާ ފީ ސްޓްރަކްޗާ އެކުލަވާލީ އެކަމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.
"އަޅުގަނޑުމެން މަޝްވަރާ ކުރިއިރުގަ ވެސް އަދި ހަރަދުތައް ބެލި އިރުގައި ވެސް މީ ކުންފުނިން ފައިދާ ހޯދުމުގެ ނިޔަތުގައި ކުރެވިފައި އޮތް މަސައްކަތެއް ނޫން، މީ ކުންފުންޏަށްވާ ގެއްލުން ފޫބެއްދުމަށް އަސާސީ ހިދުމަތެއް ދިނުމުގެ ކުރުމުގެ ގޮތުން ކުރެވިފައި ހުރި މަސައްކަތެއް." ސިރާޖު ވިދާޅުވިއެވެ.
އަގަށް ބަދަލު ގެނައި ހިދުމަތްތައް:
ޓްރާންސްފާ ސްޓޭޝަނަށް އާންމު ފަރާތްތަކުން ގެންދާ ކުނި ޕިކަޕުތަކަށް ނަގާ އަގު ކިލޯއަކަށް 1.6 ރުފިޔާ ބޮޑުކުރުން - ކުރިން ނެގި އަގު: 21 ލާރި
- ތިލަފުށި ފެސިލިޓީއަށް ގެންދާ ކުނި ކިލޯއަކަށް 2.56 ރުފިޔާއަށް ބޮޑުކުރުން - ކުރިން ނެގި އަގު: 42 ލާރި
- ސަރުކާރުގެ އެސްއޯއީތަކާއި ސަރުކާރުގެ އޮފީސްތަކަށް ކުނި ކިލޯއަކަށް 2.65 ރުފިޔާ
ކުނި ނަގަން ވެމްކޯއަށް ޚަރަދުވާ ވަރަށް ބަލާއިރު، ގޭބީސީން ކުނި ނަގަން 553 ރުފިޔާ ހަރަދު ވެއެވެ. ވިޔަފާރިތަކުން ނަގާ ކުންޏަށް ކިލޯއަކަށް 1.86 ރުފިޔާ އަދި ކޯލް އޮން ޕިކަޕް ސާވިސްއަށް މިހާރު ޖެހެނީ 3.88 ރުފިޔާއެވެ. އަދި ޓްރާންސްފާ ސްޓޭޝަންގެ ކިލޯއަކަށް 72 ލާރި، މާލެއިން ތިލަފުއްޓަށް ކިލޯއަކަށް 1.80 ރުފިޔާ ޖެހޭކަމަށް ސިރާޖް ވިދާޅުވިއެވެ.
ނަމަވެސް ގޭބީސީތަކުން ނަގާ ފީ ބޮޑުކުރުމަކީ އާންމު ދިރިއުޅުމުގެ ހަރަދުތަކަށް އެކަމުގެ އަސަރު ކުރާނެ ކަމަކަށް ވާތީ ގޭބީސީން ކުނި ނަގާ ރޭޓަށް ބަދަލު ނުގެނެސް ވެމްކޯއިން ވަނީ 150 ރުފިޔާގައި އަގު ހިފަހައްޓާފައެވެ. މީގެ އިތުރުން، ވިޔަފާރި އުސޫލުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ކޯލް އޮން ޕިކަޕް ސާވިސްގެ އަގުތަކަށް ވެސް ވެމްކޯއިން ބަދަލު ގެނެސްފައެއް ނުވެއެވެ.