ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގައި ހަރަކާތްތެރިވާނެ 80 ޓްރެއިނަރުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފިއެވެ.

އިލެކްޝަނުން ބުނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ހަރަކާތްތެރިވާނެ ޓްރެއިނަރު (އީއެކްސް 1) ހޯދުމަށް މިދިޔަ މާޗު މަހުގެ 13 ވަނަ ކުރި އިއުލާނަށް ބޭނުންވާ އަދަދަށް މީހުން ކުރިމަތިލާފައިނުވާތީ، އެ މަގާމަށް މީހުން ހޯދުމަށް އަލުން އިއުލާނު ކުރާ ކަމަށެވެ.

އީސީން ބުނީ އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް ޖުލައި 15 އިން ޖުލައި 21 އަށް ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީއޯޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ އެ ކޮމިޝަނުން ކަމަށެވެ.

މީގެ އިތުރުން އީސީ އިން ބުނީ ތަމްރީނުކުރުމުގައި މާލޭގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 700 ރުފިޔާ، އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 900 ރުފިޔާ ދޭނެ ކަމަށެވެ. އަދި ޓީއޯޓީ ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިން ދީ ނިމުމުން 1400 ރުފިޔާ ދެވޭނެ ކަމަށް އީސީން ބުންޏެވެ.

އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މޭ މަހުގެ 10 ވާ ބުދަ ދުވަހުގެ 15:00 އެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާނީ[email protected]އަށް އީމެއިލް ކޮށްގެންނެވެ.

އީސީ އިން ބުނީ ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުގަންނައި ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުގެ ކަންކަން ކުރުމަށް، 8000 އޮފިޝަލުން ނަގަން ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކާއި ދިވެހިން ދިރިއުޅޭ ބޭރު ގައުމުތައް ހިމެނޭ ގޮތުން ޖުމްލަ 800 ވޯޓު ފޮށި ބަހައްޓޭނެއެވެ.