22 Apr 2012, 16:21
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭނުމަކީ "ޓެރަރިޒަމް"ގެ ބިރުދައްކުވައިގެން ހުޅަނގުގެ ތާއީދު ހޯއްދެވުން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީއަކީ "ހައްދުފަހަނައަޅާފައިވާ" ޕާޓީއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވާތީ، އެކަން ދޮގުކޮށް ކުރީގެ ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔައި އަދާލަތުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއަކީ ހައްދު ފަހަނައަޅައިފައިވާ މީހުން އުޅޭ ތަނެއްކަމަށް ވިދާޅުވެ، ބޭރު ދުނިޔޭގައި އަމިއްލަ ގައުމާ މެދު އިތުރުފުޅުހެއްދެވުމަކީ ރައީސް ނަޝީދު އާދަކޮށް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އޭގެ ބޭނުމަކީ ޓެރަރިޒަމްގެ ބިރުދައްކުވައިގެން ހުޅަނގުގެ ތާއީދު ހޯއްދެވުން ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު ބޭރުގެ އެކި ފަރާތްތަކަށް ދެމުން ގެންދާ އިންޓަވިއުތަކުން ރައީސް ނަޝީދުގެ ލާދީނީ އެޖެންޑާ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަވަމުން އަންނަ ކަމަށާއި އަދި ނަޝީދު އަމިއްލައަށް އެކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ.
މިމަހުގެ 19 ވަނަ ދުވަހު "ވޮޝިންޓަން ޕޯސްޓަށް" ރައީސް ނަޝީދު ދެއްވި އިންޓަވިއުގައި، ރާއްޖޭގައި ވަރަށް ބުރަކޮށް ލާދީނީ ކަންތައްތަކެއް ކުރައްވަމުން ގެންދަވަނިކޮށް ވެރިކަން ވެއްޓުމުން ހުޅަނގުގައި ތިބި ރައީސް ނަޝީދުގެ އެކުވެރިން އެހީތެރިނުވެ ދޫކޮށްލި ކަމާ މެދު، ވަރަށް ހިތިކަމާ އެކު ޝަކުވާ ކުރައްވާފައިވާ ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ފަހަގަކޮށްފައިވެ އެވެ. އަދި އެ އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ވާހަކަތަކަށް ހުރިހާ ރައްޔިތުން ވިސްނަން ޖެހޭ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
"ނަޝީދުގެ ނަޒަރުގައި އަދާލަތު ޕާޓީ ހައްދުފަހަނައަޅައި ދިޔައީ ރާއްޖޭގައި މާތްވެގެންވާ އިސްލާމް ދީނުގެ ނޫރު ފަނޑުކޮށްލައި، ރަށްރަށުގެ މަގުތައް މަތީގައި ބުދުތައް ބެހެއްޓުން ފަދަ ކަންތަކާ ދެކޮޅަށް އަދާލަތުން ތެދުވީމަ އެވެ. ނަޝީދު ރާއްޖޭގައި ހިންގަން އުޅުއްވި ލާދީނީ މަޝްރޫޢުގެ ތެރެއިން ވޮޝިންޓަން ޕޯސްޓުގައި އޭނާ ފާޅުގައި އިޢުތިރާފު ވެވަޑައިގެންފައިވާ ކަންތަކުގެ ތެރޭގައި ދިވެހިން ރާއްޖޭގެ ތަޢުލީމީ މުގައްރަރު އެއީ މާބޮޑަށް އިސްލާމްދީނާ ކައިރި އެއްޗަކަށް ނަހަދައި ހަމަހަމަ އެއްޗަކަށް ހެދުމަށް މަސައްކަތް ކުރެއްވި ކަމަށާއި، ތިރީސް އަހަރަށް ފަހު އިޒްރޭލާ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރެއްވި ކަމާއި އަދި ހައްދު ފަހަނައަޅާފައިވާ މީހުންގެ ސަބަބުން އަންހެނުން ބުރުގާ އަޅަންޖެހުމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފައިވެ އެވެ."
އަދާލަތުގައި ބަޔާނުގައި އަދި ބުނެފައި ވަނީ އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ ކަމުގައި އަމިއްލަ އަށް އިއުތިރާފްވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅަކު އަލުން ވެރިކަމަށް ގެނައުމަށް ބަޔަކު ކުރާ މަސައްކަތަށް ތާއީދުކޮށް ވާގިވެރިވުމަކީ އިސްލާމް ދީނާއި ދިވެހި ގައުމަށް ވާފާތެރި އެއްވެސް ދަރިއަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.